twitterviber whatsapp telegramfacebookyoutube instagram
4th May 2024

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫން

ނަބީލާ އިސްމާޢީލް
Nov 20, 2022

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ އިއްޔެ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށްކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްތިތާހްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫންކަމަށާއި، މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެ ކަމަށެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ، ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި، އެ ކުދީންގެ ތަރައްގީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

މި ވީޑިއޯ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށް އެކަމަނާ ބާރުއަޅުއްވާފައިވެއެވެ.

މީގެ އިތުރުންވެސް ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުވާފައެވެ. ވަކިން ހާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭހަތްދިނުމަށް އެކަމަނާ ވަނީ އެދިލައްވާފައެވެ.

މި ވީޑިއޯ މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ މުޖުތަމައުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައި ފާހަގަކުރައްވާފައެވެ.

"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355