twitterviber whatsapp telegramfacebookyoutube instagram
2nd May 2024

11 އަހަރަށްފަހު ރޯހައުސްތަކަށް ވަދެވޭވަރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Nov 21, 2022
2

2011 ވަނަ އަހަރު ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާ ނުނިންމާ ދޫކޮށްލާފައިހުރި ހައުންސިންގ ޔުނިޓްތައް މިސަރުކާރުން މަރާމާތުކޮށް، މިއަދު ގުރުއަތުލުން ބާއްވައިފި އެވެ. ހައުންސިންގ ޔުނިޓްތައް ބެހުމަށް ބޭއްވި ގުރުއަތުލުން މިއަދު ހެނދުނު ކުރިއަށްގެންދިޔައީ އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ހޯލުގަ އެވެ.

މި ހައުންސިންގ ޔުނިޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ހައުންސިން ޔުނިޓްތަކެއް ނަމަވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުވިފަހުން މިތަންތަން ހުރީ ވީރާނާވާން ދޫކޮށްލާފަ އެވެ. 2021 ވަނަ އަހަރު ދޮންބޭޒްއާ ހަވާލުކޮށްގެން މަރާމާތުކުރަން ފެށި މި ހައުންސިން ޔުނިޓްތައް ނިންމާލީ މިއަހަރު އޮކްޓޯބަރުމަހު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލް މެމްބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، މި ހައުންސިންގ ޔުނިޓްތައް ދޫކުރުމުގެ އުސޫލަކަށް ސިޓީ ކައުންސިލުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެކަމަށެވެ. ހައުންސިންގ ޔުނިޓްތައް ލިބޭ މީހުން ކަނޑައަޅާފައި އޮތްތާ ގިނަ އަހަރުތަކެއްވެފައިވާއިރު އެ މީހުންގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް މިހާރު އައިސްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާ ދިގު މުއްދަތެއްވެފައި އޮތުމުން ކައުންސިލަށްވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން މި ހުރި ސަބަބުތަކާ ހެދި ކައުންސިލަށް ފާހަގަވީ އޭރުގައި އޮތް އުސޫލަށް ބަލާއިރުގައި މިއަދު މިހާލަތުގައި ކައުންސިލުން ރޯހައުސް ކަނޑައަޅައިފިކަމަށްވާނަމަ ވަރަށް ބައިވަރު ފަރާތްތަކެއް މީގެ އުނިވެގެންދާނެ ކަމަށެވެ. އެެހެންވުމުން އެކަމުގެ ގާނޫނީ ލަފާވެސް ހައުންސިންގ މިނިސްޓްރީން ހޯދެއްވިކަމަށް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހައުންސިންގ މިނިސްޓްރީގެ ލަފާގައި އޮތީ ކުރީގައި އޮތް އުސޫލަށް ކުރީގައި އޮތް ހާލަތަށް ބަލައިގެން ކުރިއަށްގެންދިޔުމަށް ކަމަށާ، އެހެންނަމަވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން އެއްވެސް ފަރާތްތަކަށް ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އެފަރާތެއް ލިސްޓުން އުނިކުރުމަށްފަހު ކުރިއަށްގެންދިޔުމަށް ކަމަށެވެ.

2011 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 160 ހައުންސިންގ ޔުނިޓްގެ މަސައްކަތް ފެށި އެވެ. އެހެންނަމަވެސް، ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އެ ހައުންސިންގ ޔުނިޓްތައް ހުރީ ވީރާނާވާން ދޫކޮށްލާފަ އެވެ. އެތަނުން މަސައްކަތް ނިމުނީ ކަނބޯރަނި ހިޔާގައި އިމާރާތްކުރަން ފެށި 18 ހައުންސިން ޔުނިޓް އެކަންޏެވެ.

މާފަލު ހިޔާގައި އިމާރާތްކުރި 40 ރޯހައުސް މަރާމާތުކޮށް ހަވާލުކުރީވެސް މި ސަރުކާރުގައި އެވެ. މިއަދު ކުރިއަށްގެންދިޔައީ ވެލިގަނޑުގައި ހުރި 100 ހައުންސިން ޔުނިޓެވެ. ގިނަ އަހަރުތަކަކަށްފަހު ވިޔަސް ހައުންސިންގ ޔުނިޓްތަކަށް ވަދެވޭތީ އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ.

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި ނޮވެމްބަރުމަހުގެ ނިޔަލަށް ހައުންސިންގ ޔުނިޓްތައް ރަޖިސްޓްރީކޮށް ތަޅުގަނޑި ހަވާލުކުރެވޭނެ ކަމަށެވެ. މި ހައުންސިން ޔުނިޓްތަކުގެ ޑައުން ޕޭމަންޓަކީ 19000 ރުފިޔާ އެވެ. މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355