އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 16 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލަށް ގެނައި އިސްލާހުގެ މައިގަނޑު މަގްސަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދައުލަތުގެ ހަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ގައުމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ހަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.
މި އިސްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވަނީ ގެނެސްފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް އަންނަ އަހަރު ޖަނަވަރީން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅާފައިވެ އެވެ.އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގް ކުރެއްވުމާ ގުޅިގެން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.