twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

މުޙައްމަދު އަހުމަދު
Nov 23, 2022

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވައިފި އެވެ.

މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ޖަރުމަނާއި ޖަޕާން ބައްދަލުކުރި މެޗު 2 - 1 ން ކާމިޔާބުކުރީ ޖަޕާނުންނެވެ. ޖަޕާނުން މެޗު ކާމިޔާބުކުރީ ޖަރުމަނު ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެގޯލު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު މުޅި މެޗު އެއްކޮށްހެން ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ޖަރުމަނުންނެވެ. މެޗުގައި ޖަރުމަނުން ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޑިފެންޑަރު ރައުމްއަށް ޖަޕާނުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖަރުމަނަށް ކާމިޔާބުކޮށްދިނީ އިލްކޭ ގުންޑޮގާން އެވެ.

މެޗުގައި ޖަޕާނުގެ ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ރިޓްސޫ ޑޯން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު އޭގެ އިރުކޮޅެއް ފަހުން 83 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ވަނީ ޖަޕާނު މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދީފަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖަރުމަން އަތުން މޮޅުވެ ޖަޕާނުން ދުނިޔެއަށް ސިހުން ގެނުވިއިރު މިހާތަނަށް އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ނުކުތީ ސައުދީ އަރަބިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގަ އެވެ. ސައުދީން ވަނީ ފަހަތުން އަރާ 2 - 1 ން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށްފަ އެވެ.

މިރޭގެ އަނެއް މެޗުގައި 9 ޖަހާއިރު ސްޕޭނާއި ކޮސްޓަ ރީކާ ބައްދަލުކުރާއިރު 12 ޖަހާއިރު ބެލްޖިއަމުން ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355