twitterviber whatsapp telegramfacebookyoutube instagram
15th November 2026

36 އަހަރަށްފަހު ކެނެޑާ ވޯލްޑްކަޕަށް، ބެލްޖިއަމުން އަތުން ބަލިވެ ހިތްދަތި ފެށުމެއް

މުޙައްމަދު އަހުމަދު
Nov 24, 2022

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ރޭ 36 އަހަރަށް ފަހު އެނބުރި އައި ކެނެޑާއިން ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވެ ހިތްދަތި ފެށުމަކުން ވޯލްޑްކަޕް ފަށަން ޖެހިއްޖެ އެވެ.

ރޭ ބެލްޖިއަމުން ކެނެޑާގެ މައްޗަށް ކުރިހޯދީ މިޝީ ބަޓްޝުއާޔީގެ ހަމަ އެކަނި ލަނޑުން 1 - 0 ގެ ހަނިތަފާތަކުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. 1989 ފްރެންޑްލީ މެޗެއްގައި މީގެކުރިން ބެލްޖިއަމާ ކެނެޑާ ބައްދަލުކޮށްފައިވެ އެވެ. އެމެޗުން 2 - 0 ން ބެލްޖިއަމް މޮޅުވި އެވެ.

ވޯލްޑް ކަޕުގައި މިދެޓީމު އަލަށް ބައްދަލުކުރިއިރު ކެނެޑާއިން މިވަނީ ރޭގެ ބައްޔާއެކު އެޓީމު މުޅި ވޯލްޑްކަޕުގައި ކުޅުނު 4 މެޗުން ވެސް ލަނޑެއް ނުޖެހި ބަލިވެފަ އެވެ. ލަނޑެއް ނުޖެހި ގައުމަކުން ވޯލްޑްކަޕުގައި އެހާ ގިނަ މެޗު ކުޅެފައިވަނީ ކެނެޑާއިންނެވެ.

ކެނަޑާއަށް ވެސް ރޭގެ މެޗުގައި ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. ކެނަޑާގެ ތަރި އަލްފަންސޯ ޑޭވިސް ފޮނުވާލި ޕެނަލްޓީ ބެލްޖިއަމްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ ވެސް ކެނެޑާއިންނެވެ.

ވޯލްޑްކަޕުގެ މެޗުތައް މިއަދު ވެސް ކުޅެވޭނެ އެވެ. ހަވީރު 3 ޖަހާއިރު ސްވިޒަލޭންޑާއި ކެމަރޫން ބައްދަލުކުރާއިރު އިރުއޮއްސި 6 ޖަހާއިރު އުރުގުއޭއާއި ދެކުނު ކޮރެއާ ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293