ފީފާ ވޯލްޑްކަޕުގައި މިރޭ ރޮނާލްޑޯގެ ރެކޯޑް ގޯލާއެކު ޕޯޗުގަލުން އެފްރިކާގެ ގާނާ ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.
ގަތަރުގެ ސްޓޭޑިއަމް 974 ގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާއި ގާނާ ބައްދަލުކުރި މެޗު 3 - 2 ން ޕޯޗުގަލުން ކާމިޔާބުކޮށްފި އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޗުގަލުންނެވެ. 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ކެޕްޓަން ރޮނާލްޑޯ އެވެ. މިލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގެ ފަސް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އޭނާ ވަނީ 2006، 2010، 2014 އަދި 2018 ގެ އިތުރުން މިއަހަރުގެ ވޯލްޑްކަޕުގައި ވެސް ލަނޑުޖަހާފަ އެވެ. ރޮނާލްޑޯގެ ލަނޑާއެކު ގާނާއިން މިރޭ ކުޅުން ރަނގަޅުކުރިއިރު މާ ގިނައިރެއް ނުވެ އަޔޫ ވަނީ ގާނާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ނަމަވެސް ގާނާއަށް އެއްވަރުކޮށްލެވުނީ ކުޑަ އިރުކޮޅަކަށެވެ. އަޔޫ ލަނޑު ޖެހިތާ 5 ވަރަކަށް މިނޓު ފަހުން ޔާއޯ ފެލިކްސް ވަނީ ޕޯޗުގަލަށް އަލުން މެޗުގައި ލީޑު ނަގައިދީފަ އެވެ. އޭގެ ދެމިނެޓު ފަހުން ބަދަލުގައި ކުޅެން ނުކުތް ރަފައެލް ލެއާއޯ ވަނީ ޕޯޗުގަލަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި އޮސްމާން ބުކާރީ ވަނީ ގާނާއަށް ފަރަގު ކުޑަކޮށްދީފަ އެވެ.
މިރޭ ކުޅެވޭ އަނެއް މެޗުގައި ދަންވަރު 12 ޖަހާއިރު 5 ފަހަރުގެ ވޯލްޑް ޗެމްޕިއަން ބްރެޒިލުން ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.