ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
އާންމު ފަރާތަކުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލާގައި، ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުންދާ ކަމަށް ތުހުމަތު ކޮށެވެ.
އެގޮތުން ޖުމްލަ 57 އުޅަނދެއް ރަޖިސްޓްރީ ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމުތަކޮށްފަ އެވެ.
އެގޮތުން އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަވާއިދުގެ އެއްވަނަ އިސްލާހުގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރިކަމުގެ ހުއްދަ (L10) ހުށަހަޅާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ, މިނިސްޓްރީގައި އެންޓްރީ ނުކޮށް ޖަވާބު ދިނުމަކާ ނުލައި ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް ދީފައިވަނީ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން ބުނެފައިވަނީ މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވާ ކަމަށެވެ.
އަދި މި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމާއެކު ކަމަށް ވެސް ބުނެފައިވެ އެވެ.
"މިސިޓީއާ އެކު އުޅުނަދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތައް އެއްކަރުދާސް ކުރީމެވެ. އަދި 57 އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައިވާގޮތް ތަފްސީލް ކޮށްދޭ ރިޕޯޓެއް ހުށަހެޅީމެވެ," އިތުރު ތަފްސީލް އާންމު ނުކޮށް, އޭސީސީއަށް އޭނާ ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މަގާމުގެ މައްސޫލިއްޔަތްތަކުން އެކަހެރިކޮށް ދާދިފަހުން ވަނީ ސަސްޕެންޑުކޮށްފައެވެ.
ދާދި ފަހަކުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެ، 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.