ސައުދީ އަރަބިއްޔާގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އަލް ނަސްރުން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް 208 މިލިއަން ޑޮލަރުގެ އޮފާއެއް ހުށަހަޅައިފި އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މިވަގުތު ހުރީ ސައުދީގެ އަލް ނަސްރަށް ބަދަލުވުމާ ވަރަށް ގާތުގަ އެވެ، ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް އަދި ޕޯޗުގަލްގެ ތަރި ރޮނާލްްޑޯ ވަނީ ޕިއާސް މޯރގަންއާ ހިނގައިދިޔަ އިންޓަވިއުއަކަށް ފަހު މިމަހު ޔުނައިޓެޑް ދޫކޮށްލާފަ އެވެ.
އޭނާ ވަނީ ސައުދީގެ ކުލަބަކުން އޭނާއަށް ކޮންޓްރެކްޓްއެއް ހުށައަޅާފައިވާކަން އެއިންޓަވިއުގައި ޔަގީންކޮށްދީފަ އެވެ. ނަމަވެސް ކޮން ކުލަބެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ސްޕެނިޝް ނޫސް މާކާއިން ރިޕޯޓުކުރިގޮތުގައި ރޮނާލްޑޯ މިހާރުވަނީ އަލް ނަސްރުގެ 208 މިލިއަން ޑޮލަރުގެ އޮފާއަށް އެއްބަސްވެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސައުދީގެ ޗެމްޕިއަން އަލް ނަސްރާއެކު ދެއަހަރާއި ބައިގެ މުއްދަތަކަށް ކޮންޓްރެކްޓް ހެދުމަށް ރޮނާލްޑޯ ވަނީ އެއްބަސްވެފަ އެވެ. ރިޕޯޓުތަކަށް ރޮނާލްޑޯ ބަހެއް އަދި ބުނެފައި ނުވާއިރު އޭނާގެ ފޯކަސް މިހާރު އެއްކޮށް ހުރީ ވޯލްޑް ކަޕުގަ އެވެ.
މި ކޮންޓްރެކްޓާއެކު ރޮނާލްޑޯ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ. އަދި އެއާއެކު ސައުދީގެ ތަރައްގީވަމުން އަންނަ ލީގުތަކާ އޮފް ފީލްޑް ޕްރޮމޯޝަން ތަކުގެ މަސައްކަތްތައް ހިމެނޭނެ އެވެ.
ރޮނާލްޑޯ ނޮވެމްބަރުގައި ޔުނައިޓެޑް ދޫކޮށްލަމުން ނެރުނު ސްޓޭޓްމަންޓްގައި ބުނީ ޔުނައިޓެޑާއި ދެކެވުނު ވާހަކަތަކަށް ފަހު ދެފަރާތުން ވެސް ކޮންޓްރެކްޓް އުވާލުމަށް ވަނީ ނިންމާފަ އެވެ. އަދި އޭނާ ޔުނައިޓެޑާއި އެޓީމުގެ ސަޕޯޓަރުން ދެކެ ވަރަށް ލޯބިވާކަމަށާއި އެކަމަށް ދުވަހަކުވެސް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި މިއީ އާ ޗެލެންޖަކަށް އެންމެ ރަނގަޅު ވަގުތުކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
ދެފަހަރު މަތިން ޔުނައިޓެޑަށް ކޮށްދިން ކަންތައްތަކަށް ކުލަބުން ޝުކުރުއަދާކުރާ ކަން ފާހަގަކޮށް ޔުނައިޓެޑުން ވަނީ ސްޓޭޓްމަންޓެއް ނެރެފަ އެވެ. އަދި ރޮނާލްޑޯ އާއި އޭނާގެ އާއިލާއަށް ރަނގަޅު ކުރިމަގަކަށް އެދޭ ކަމަށް ވެސް ޔުނައިޓެޑުން ބުނެފައިވެ އެވެ.
ޔުނައިޓެޑުން އިތުރަށް ބުނެފައިވަނީ އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ކުލަބުގެ އެންމެހާ ކުޅުންތެރިން ވެސް ޓީމުގެ ޕްރޮގްރެސްއަށް ސަމާލުކަން ދީކޮށް އެއްކޮށް ދަނޑުގައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޕިއާސް މޯގަން އާއެކު ކުރިއަށް ދިޔަ އިންޓަވިއުގައި ސައުދީގެ 363 މިލިއަން ޑޮލަރުގެ ހުށަައެޅުމަކަށް ނޫނެކޭ ބުނެފައިވާނެކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.