އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަގައްޔަރުވުމުގެ އަސަރު ރާއްޖެއަށްކޮށް އޭގެ ސަބަބުން ނުރައްކާތެރިކަން ކުރިމަތިވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މި ދުވަސްވަރު ވައި ސާފުވާނެ މިންވަރު ބެލޭނެ ކަމަށެވެ. އެއާ އެޕުން ދައްކާގޮތުގައި އެންމެ ބޮޑަށް ވައި ނުސާފީ ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަށެވެ.
ރާއްޖެ ސަރަހައްދު ވައި ނުސާފުވާ ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ހިމާލަޔަން ސަރަހައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރަމުންދާތީ އެވެ.
ވައި ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކް އިން https://t.co/P2RLdRsd3v ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބައްލަވާ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ. pic.twitter.com/WGfXeWvSiS
— Health Protection Agency (@HPA_MV) December 2, 2022
އެޗްޕީއޭއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގައި މައްސަލައެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް އިލްތިމާސްކުރާކަމަށެވެ. ވައި ނުސާފުވުމުގެ ނުރައްކާތެރިކަން ތުއްތު ކުދިންނާއި ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނާއި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް އަދި އެކި އެލާޖީ މައްސަލަތައް ހުންނަ މީހުންނަށް އޮންނާނެކަމަށް އެޗްޕީއޭއިން ބުނެ އެވެ.