މުޖުތަމައުގެ ހުރިހާ އެންމެން ބައިވެރިވުން ޝާމިލްވާ ޕްރޮގުރާމްތަކަށް ދިރާގުން އަބަދުވެސް އިސްކަންދޭނެ ކަމަށް ދިރާގުގެ ކޯޕަރޭޓަރ ސޮސައިޓީ ރެސްޕޮންސިބަލިޓީގެ މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވެއްޖެ އެވެ.
ބިޝާރާ ހަމީދު މިހެން ވިދާޅުވީ ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރެވޭ ގައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހް ކުރުމަށް މިއަދު ކުޅުދުއްފުށީގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިހަރަކާތުގައި ކުޅުދުއްފުށި ސްކޫލްތަކާއި ކައިރި ރަށްރަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިވެފައިވާއިރު އެކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ބިޝާރާ ވިދާޅުވީ ދިރާގުން މި ހަރަކާތުގައި ބައިވެރިވާން ނިންމި އެންމެ މުހިންމު ސަބަބަކީ މުޖުތަމައުގެ ހުރިހާ އެންމެން ބައިވެރިވުން ޝާމިލްވާގޮތަށް މިފަދަ އެސްއާރު ޕްރޮގުރާމްތަކަށް ދިރާގުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދޭން ބޭނުންވާތީ ކަމަށެވެ.
"އެގޮތުން ހަމަ 2011 ވަނަ އަހަރުން ފެށިގެން ދިރާގުގެ ސްޕެޝިއަލް ފެސްޓިވަލް ފޯސް ބާއްވަމުން އައީވެސް މި ނިޔަތުގައި. ދެން އެގޮތުން އެމްއޭޕީޑީ އަކީ ފެށުނީންސުރެން އަޅުގަނޑުމެންނާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން އަންނަ އެންޖީއޯއެއް." ބިޝާރާ ވިދާޅުވި އެވެ.
ދިރާގުގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލް އަދި މޯލްޑިވްސް އެސޯސިއޭޝަންސް ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީގައި އިއްޔެވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މެޑިކަލް ކޭމްޕެއްވެސް ފަށާފަ އެވެ.
މި ކޭމްޕްގައި ކުޅުދުއްފުށީގެ 90 ފަރާތްތަކާއި ސަރަހައްދުގެ ރަށްތަކުން ނުކުޅެދުންތެރިކަން ހުންނަ 45 ފަރާތެއް ބައިވެރިވެ އެވެ. މި ކޭމްޕްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ޑޮކްޓަރުންނާ ކަމާ ގުޅުން ހުރި ތަޖުރިބާކާރުން ބައިވެރިވެލައްވަ އެވެ.