twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަށެއް އުފައްދައިގެން އާބާދުކުރާހާ ހާލަތަކަށް ނުދޭ!

Dec 4, 2022
1

އިންޑިއާ ކަނޑުގެ މެދުގައި އޮތް މި ގައުމަކީ 1،192 ޖަޒީރާ ރަށެވެ. އެއިން މީހުން ދިރިއުޅެނީ 187 ރަށުގަ އެވެ. އެންމެ އުތުރުގައި އޮންނަ ހއ ތުރާކުނުގައި މީހުން ދިރިއުޅެ އެވެ. އެންމެ ދެކުނުން އައްޑު އަތޮޅުގައި މީހުން ދިރިއުޅެ އެވެ. މިހާރު އެންމެ ދެކުނުގައި އޮތް ގަމަކީ މީގެ ކުރިން މީހުން ދިރިއުޅުނު ވަކި ރަށެކެވެ. އެ ދެމެދު 115،300 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި މީހުން އާބާދުވެފައިވާ ގޮތެވެ.

ދެން ހުރި ފަޅުރަށްތައް އެކި ގޮތް ގޮތުގައި މީގެ ކުރިން ވެސް ބޭނުންކޮށްފައިވެ އެވެ. ރާއްޖެއަށް ފަތުރުވެރިކަމުގެ ވިޔަފާރި ތައާރަފުވި ފަހުން މިއިން ގިނަ ރަށްރަށް ބޭނުން ކުރަނީ ވެސް ރިސޯޓްތަކަށެވެ. މީގެ ކުރީގައި ރާއްޖޭގައި އޮތް މޮޑެލްއަކީ "ވަން އައިލެންޑް، ވަން ރިސޯޓް" އެވެ. މާނައަކީ ކޮންމެ ރަށެއް، އެއް ރިސޯޓެއް ގޮތުގައި އެއް މެނޭޖްމަންޓް އަކުން، އެއް ކުންފުންޏަކުން ހިންގުމެވެ. މި މޮޑެލްއަށް ފެއްތުމަށް ފުދޭވަރަކަށް ފަޅުރަށް ބޭނުން ވެސް ކުރެވިފައިވެ އެވެ. އެއީ 159 ރަށެވެ.

ސިނާއީ ބައެއް މަސައްކަތްތަކަށް ވެސް ބައެއް ރަށްރަށް ހާއްސަ ކުރެވިފައިވެ އެވެ. ދަނޑުވެރިކަމާއި، މަސް ފެކްޓަރީ ހިންގުމަށް ވެސް ރަށްރަށް ޚާއްސަކޮށްފައިވެ އެވެ. މި ހުރިހާ ކަމަކަށް ރަށްރަށް ހާއްސަކުރުމަށް ފަހު ވެސް ފަޅު ރަށްރަށް ގޮތުގައި ބޭނުން ނުކޮށް އަދިވެސް 800 އަށް ވުރެ ގިނަ ރަށް އެބަ އޮތެވެ.

ރާއްޖޭގައި މީހުން އާބާދުވެފައި އޮތް ގޮތުން، ފެށުނީއްސުރެން ވެސް އުތުރުން ދެކުނަށް މީހުން ދިރިއުޅެ އެވެ. އެއްވެސް ޒަމާނެއްގައި ވަކި އެއް ސަރަހައްދެއްގައި ނޫނީ މަދު ސަރަހައްދުތަކެއް މީހުން ދިރިއުޅެފައެއް ވެސް ނެތެވެ. ކަން މިހެން އޮތަސް، މާލެއަށް މީހުން ދިޔައީ ޖަމާވަމުންނެވެ. މާލެއަށް މީހުން ހިޖުރަކުރާ ރޭޓް ވެސް އަންނަނީ އިތުރުވަމުންނެވެ. ފަހުން މާލެ ތޮއްޖެހި، "ގޮޅިގޮޅި" ތަކުގައި މީހުން އުޅޭ ހިސާބަށް އައީ އެވެ.

މި ކަމުގެ ހައްލެއްގެ ގޮތުގައި ސަރުކާރުތަކުގެ "އަމަލީ" ސިޔާސަތަކަށް އޮތީ މާލެ ކައިރިން ބިން އުފެއްދުމެވެ. ފުރަތަމަ މާލެ ކައިރީ ރިސޯޓެއް ގޮތުގައި އޮތް ވިލިނގިލި، މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައެޅި އެވެ. އޭގެ ފަހުން ހުޅުލޭ ފަޅުން ބާކީ އޮތް ބައިން ބޮޑު ބައެއް ހިއްކައި، ބޮޑު ރަށެއް އުފެއްދި އެވެ. އޭގެ ވެސް ފަހުން ދެވަނަ ފިޔަވަހީގެ ގޮތުގައި، ހުޅުލޭ ފަޅުން އިތުރު ރަށެއް އުފައްދާފައި ބްރިޖްތަކަކުން ގުޅުވާލި އެވެ.

މިއިން ކޮންމެ ފަޅަކީ ވެސް ވަރަށް ފުން ފަޅެކެވެ. ރަށެއް އުފެއްދުމަކީ ބޮޑު ހަރަދެކެވެ. އެ ފުން ފަޅު ހިއްކަން ވެސް އެހާ ހަރަދުތަކެއް ކޮށްފި އެވެ. އެއަށްފަހު ފްލެޓްތަކެއް އެޅީ އެވެ. ފްލެޓްތަކުގައި މީހުން އުޅެން ފެށިއިރު، ސްކޫލްތަކާއި ސިއްހީ ހިދުމަތް ދޭނެ ތަންތަން ވެސް މިހާރު ހަދަން ޖެހިފައިވެ އެވެ. ކުރު ޖުމުލައަކުން ބުނާނަމަ، މީހުން ދިރިއުޅޭ 181 ރަށް ފަދަ ބޮޑު ރަށެއް ހަމަ އުފައްދަނީ އެވެ. އެކަމަކު، އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ހަރަދެއްތޯ އެއީ މި ވަގުތަށް ވިސްނައިލަން ރަނގަޅު މައުޟޫއެކެވެ.

މިހާރު އަނެއްކާ އަނެއް ރަށް އުފައްދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ގުޅީފަޅެވެ. މި ސަރުކާރުގެ ވިސްނުމަކީ އެ ރަށުގައި ވިޔަފާރި ބަނދަރަކާއި، ގުދަންތަކާއި، ސިނާއީ އަވަށެއް ހަދާފައި، ދެން އޮތް ވަރަކުން ގޯއްޗާއި ފްލެޓް ދިނުމެވެ. މި ވަރުގެ ފުން ފަޅެއް ދުނިޔޭގެ އެހެން ތަނެއްގައި ހިއްކާފައެއް ނެތެވެ. އެ ތަން ހިއްކަން ވެސް 1.8 ބިލިއަން ރުފިޔާ ޚަރަދުވެގެން ދާނެ އެވެ. ގުޅީފަޅާ ޖެހިގެން ހުޅަނގަށް އޮންނަ ގިރާވަރު ފަޅު ވެސް ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެ އުފައްދާ ރަށުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައި އެބަ އޮތެވެ. މިވާނީ އަނެއްކާ ވެސް ބޮޑު ހަރަދަކަށެވެ.

މި ބިޔަ ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދަނީ ލޯނުންނެވެ. ކުރީގެ ސަރުކާރުގައި ޗައިނާއިން ލޯނު ނެގި އެވެ. އެ ފައިސާއިން ދެވަނަ ފިޔަވަހި ހިއްކައި ފްލެޓްތައް އެޅި އެވެ. މި ސަރުކާރަށް އިންޑިއާއިން ލޯނު ދކުރެ އެވެ. ލޯނު ދކުރާނީ ރަހުނެއް ބެހެއްޓޭ ގޮތަށް ކަން ގައިމެވެ. ރަހުނު ގޮތުގައި ދެނީ "ސޮވެރިން ގެރެންޓީ" އެވެ. ދިވެހި ސާފު ބަހުން ބުނާ ނަމަ ދިވެހި ދައުލަތެވެ.

ބާކީ އޮތް 800 އެއްހާ ފަޅު ރަށް އޮވެފައި، މީހުން ދިރިއުޅޭ 187 ރަށުގެ ތެރޭގައި ބިން ބޮޑު އަދި މީހުން ދިރިނޫޅޭ ސަރަހައްދު ބޮޑު ރަށްރަށް ވެސް މަދެއް ނޫނެވެ. އެ ރަށްރަށުގެ އެ ސަރަހައްދުތައް އަދި ބޭނުން ކުރެވޭނެ އެވެ. މާލެއަށް ޖަމާވާ ސަބަބުތައް އެ ރަށްރަށަށް "ޑައިވާޓް" ކޮށްލުމުން ނިމުނީ އެވެ. ސިއްހީ ހިދުމަތާއި، ތައުލީމާއި ތަމުރީނުގެ ފުރުސަތުތަކުގެ އިތުރަށް އިގްތިސޯދީ ހަރަކާތްތަކެވެ.

މި ހުރިހާ އިޚްތިޔާރެއް ހުއްޓައި، ފަޅެއް ހިއްކައިގެން ރަށެއް އުފައްދައި، އެ ރަށް އާބާދުކުރުމަކީ ބުއްދި ހަމަ ޖެހޭ އެކަކަށް ވެސް ހަމަޖެހޭ ސިޔާސަތަކަށް ނުވާނެ އެވެ. އެކަމަކު ކޮންމެ ވެސް ސަބަބަކަށް ޓަކައި ދިވެހި ދައުލަތް އެ ހިނގަނީ އެ މަގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355