ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ "މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމް" ގެ 12 ވަނަ ބުރު ބާއްވައިފިއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝަތު ޝުޖޫން މުހައްމަދުއެވެ.
3 ޑިސެންބަރު – 4 ޑިސެންބަރު 2022 އަށް ކުރިއަށްދާ "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމުގެ 12 ވަނަ ބުރު" ފަށައިފި. (1/6) pic.twitter.com/xky5p5k3Pj
— Maldives Judiciary (@judiciarymv) December 3, 2022
މިޕްރޮގްރާމްގެ ސެޝަންތަކުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ހުލާސާއާއި، އެގާނޫނުން އަލަށް ތައާރަފްކުރި ހަމަތަކާއި، ބަދަލުތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ.
އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމާއި އިދާރީ ކަންކަމާއި، ޣައިރު ހާޒިރުގައި ހުކުމްކުރުމާއި ޝަރީއަތް ހިންގުމަކާނުލާ މައްސަލަ ނިންމުމާ ގުޅޭގޮތުން މައުލޫމާތު ވެސް ފޯރުކޮށްދީފައިވެއެވެ.
މީގެއިތުރުން އިހްތިލާފެއްނުވާ ބާވަތްތަކުގެ މައްސަލަތައް ހިންގާނެ ގޮތާއި، ކޯޓު އަމުރު ނެރުމާއި ވަގުތީ އަމުރު ނެރުމުގެ އިޖުރާއަތުތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.
ރ. އުނގޫފާރުގައި ބޭއްވި މި ތަމްރީން ޕްރޮގްރާމްގައި ރ، ބ، ކ، އއ، އދ އަދި ގދ ގެ ޖުޑީޝަލް ދާއިރާތަކުން ޖުމްލަ 60 ބޭފުޅުން ބައިވެރިވެފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެމަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލާފައިވާ ގާނޫނެކެވެ.
މިގާނޫނުގެ މަގްސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއްނިންމުމަށް މަގުފަހިކުރުވުމެވެ.