ފީފާ ވޯލްޑްކަޕުގައި ރޭ ބްރެޒިލާއި ކްރޮއޭޝިއާ އަތުން ހިތްދަތި ގޮތަކަށް ބަލިވެ ދެކުނު ކޮރެއާއާއި ޖަޕާން މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެ އެވެ.
ރޭ ކުޅެވުނު ފުރަތަމަ މެޗުގައި އޭޝިއާގެ ފަހުރު ޖަޕާނުން ވަނީ ޕެނަލްޓީގައި 3 - 1 ން ކްރޮއޭޝިއާ އަތުން ބަލިވެފަ އެވެ. ޖަޕާނުން ވަނީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ އަތުން ބަލިނުވެ މެޗު ނިމެންދެން ހިފަހައްޓާފަ އެވެ. ނަމަވެސް ޕެނަލްޓީގައި ކްރޮއޭޝިއާއިން ޖަޕާނުގެ މައްޗަށް ކުރިހޯދީ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސް ޖަޕާނުންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑައިޒަން މައެޑާ އެވެ. ފުރަތަމަ ހާފު ޖަޕާން ކުރީގައި އޮވެގެން ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ކްރޮއޭޝިއާއިންނެވެ. ކުޅުން ރަނގަޅުކޮށް ކްރޮއޭޝިއާއިން ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ ހަމަހަމަކުރި އެވެ.
55 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގައި ކްރޮއޭޝިއާއިން ގިނަ ފުރުސަތުތައް އުފެއްދި ނަމަވެސް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. މިހާތަނަށް ކްރޮއޭޝިއާއިން ދެވަނަ ބުރުގައި ކުޅުނު އެއްވެސް މެޗަކުން ވޯލްޑް ކަޕެއްގައި ބަލިނުވެ އެވެ. އަދި އެންމެފަހު ދެފަހަރު ވެސް އެޓީމު ކުއާޓާއަށް ދަތުރުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ޖަޕާނުން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ދެވަނަ ބުރުގައި ކުޅުނުއިރު އެއްވެސް ފަހަރަކު އެޓީމަށް ކުއާޓާއަށް ދަތުރުކުރެވިފައެއް ނުވެ އެވެ. ދެފަހަރު ބަލިވިއިރު ދެފަހަރު އެއްވަރުވެގެން ޕެނަލްޓީއަށް ގޮސް ވަނީ ބަލިވެފަ އެވެ.
ރޭގެ އަނެއް މެޗުގައި ނޭމާ އެނބުރި އައިއިރު ބްރެޒިލުން ވަނީ ފަސޭހަކަމާއެކު ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ. 4 - 1 ން ބްރެޒިލުން މެޗު ކާމިޔާބުކުރިއިރު ފުރަތަމަ މެޗުގައި އަނިޔާވި ނޭމާ ވަނީ މިމެޗުގައި އެނބުރި އައިސް މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކުރީ ނޭމާ އެވެ.
މިމެޗުގައި ފުރަތަމަ ލީޑު ނެގީ ބްރެޒިލުންނެވެ. ބްރެޒިލުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާފަ އެވެ. 7 ވަނަ މިނެޓުގައި ރިޗާލިސަން ލީޑު ނަގައިދިންއިރު 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ލީޑު ފުޅާކޮށްދީ ބްރެޒިލުން މެޗުގެ ކޮންޓްރޯލް ނެގި އެވެ.
ބްރެޒިލުގެ 4 ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. އެޓީމުގެ 3 ވަނަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރިޗާލިސަން އެވެ. އޭގެއިރުކޮޅެއް ފަހުން 36 މިނެޓުގައި ލޫކަސް ޕަކެޓާގެ ލަނޑުން މުޅި މެޗު ބްރެޒިލުން އެޓީމުގެ ބާރުގެ ދަށަށް ގެނަ އެވެ. ފުރަތަމަ ހާފު ނިމުނީ 4 - 0 ން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
ކޮރެއާއިން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް 76 ވަނަ މިނެޓުގައި ޕައެކް ސުންގްހޯ އެވެ. ބްރެޒިލުން ކުއާޓާ ފައިނަލުގައި މި އަންނަ ހުކުރު ދުވަހު ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.