twitterviber whatsapp telegramfacebookyoutube instagram
4th May 2024

ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ޑޮކްޓަރުންގެ ފަރުވާގެ އިތުރުންވެސް އެހެން ފަރުވާ ބޭނުންވޭ

ނަބީލާ އިސްމާޢީލް
Dec 6, 2022

ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ އިތުރުންވެސް އެހެން ފަރުވާ ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން، "ކިހިނެއް؟" އިފްތިތާހް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައެވެ.

އަދި ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން އިއްޔެ އިފްތިތާހް ކުރެވުނު ކެމްޕެއިނަކީވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ އިތުރުންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާއީ ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިއްޔެ އިފްތިތާހްކުރި "ކިހިނެއް؟"ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.

މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުއީއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355