twitterviber whatsapp telegramfacebookyoutube instagram
27th January 2023

އަންވަރުގެ ދެލަނޑާއެކު ޒިގްޒެގަށް ރަނގަޅު ފެށުމެއް

މުޙައްމަދު އަހުމަދު
Dec 8, 2022

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ކުޅެވުނު މެޗުގައި އަންވަރު އާދަމް (އަންވަރު ބާޑޭ)ގެ ދެލަނޑާއެކު މާއްޓޭ ސްޕޯޓްސް ބަލިކޮށް ޒިގްޒެގުން މޮޅަކުން މުބާރާތް ފަށައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ފޯރިގަދަ މެޗުގައި ޒިގްޒެގް ފޯ ޔޫތް ލިންކޭޖާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު 4 - 0 ން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ޒިގްޒެގް ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ 42 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ.

ފުރަތަމަ ހާފު ނިމުނީ އަންވަރުގެ ލަނޑުން ޒިގްޒެގް 1 - 0 ން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުވެސް ޒިގްޒެގުން ވަރުގަދަކޮށް ފެށިއިރު އެޓީމުން ވަނީ ކުރީކޮޅު ދެލަނޑު ޖަހާ ލީޑު ފުޅާކޮށްފަ އެވެ. 53 ވަނަ މިނެޓުގައި އަބްދުﷲ ދެވަނަ ލަނޑު ޖަހައިދިންއިރު އެޓީމުގެ 3 ވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖެހީ ހަސަން މުހައްމަދެވެ.

މެޗުގެ ފަހު ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަންވަރު އެވެ. މެޗުގައި އަންވަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފަ އެވެ. މިމެޗަކީ ޒިގްޒެގުން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗަށްވާއިރު މާއްޓޭ ސްޕޯޓްސްއިން ވަނީ އެޓީމުގެ ފުރަތަމަ މެޗުން ކުލަބް ކޮރަލްސް އަތުން 7 - 0 ން ބަލިވެފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސްއާއި ސްކައި އެވެ. ސްކައިއިން ފުރަތަމަ މެޗުގައި 8 - 0 ން ކެޑް ބަލިކުރިއިރު ކޮރަލްސްއިން ވަނީ 7 - 0 ން މާއްޓޭ ސްޕޯޓްސް ބަލިކޮށްފަ އެވެ. މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވޭއިރު މިމެޗު ފަށާނީ މާދަމާ ހަވީރު 15:50 ގައި ޒޯން ސްޓޭޑިއަމް 1 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355