ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ރާއްޖެއަށް، ވަކިން ހާއްސަކޮށް އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ވައި ވަރަށް ތަގައްޔަރުވެފައިވާތީ ގެއިން ބޭރުގައި މި ވަގުތު ކަސްރަތު ނުކުރުމަށް އިލްތިމާސްކޮށްފި އެވެ.
އެތެރެ ހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވައި ތަގައްޔަރުވެފައިވާތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ވައި ތަގައްޔަރުވެފައި ވާތީ އުތުރު އަތޮޅުތަކުގައި ގެއިން ބޭރުގައި ކަސްރަތު ނުކުރުމަށް ޑރ މުހައްމަދު އަލީ ވަނި އިލްތިމާސް ކުރައްވައިފަ އެވެ.
އަދި އެފްއެފްޕީ-2 ގެ މާސްކު އަޅައި ކުޑަ ދޮރުތައް ލައްޕައި އަަދި ކޮޓަރީގައި އެއާ ޕިއުރިފައިއެއް ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
Below is current condition at Kulhudhuffushi and parts of north.
— Dr. Mohamed Ali (@Moxamedalu) December 10, 2022
Avoid exercising outside
wear an FFP2 mask when outside
Close the windows
Use an air purifier inside the rooms if available
Also Please follow the guidance of Ministry of environment & climate change pic.twitter.com/cSVqDdolAv
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މައުލޫމާތު ދޭ ގޮތުގައި "ހޭޒް"ގެ ސަބަބުން ބޮޑަށް ވައި ނުސާފުވާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވާނެ އެވެ.
މިގޮތުން މިއަދު ކުޅުދުއްފުށީގައި ވައިގެ ނުސާފުކަން ހުރީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ބަލާނަމަ 74 ގައި ކަމަށާއި މިއީ މޮޑަރޭޓް ލެވެލް ނުވަތަ އާންމު ހާލަތެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 169 އޭކިއުއައިގަ އެވެ. މިއީ "އަންހެލްތީ" ނުވަތަ ސިއްހަތަށް ނުރައްކާތެރި ހާލަތެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ވައިގެ ނުސާފުކަން ހުރި ގޮތުން އާންމުކޮށް ބޭރަށް ނިކުމެ އުޅުން ރައްކާތެރިއެއް ނޫނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުންނައިރު ފޭސް މާސްކް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެންވަޔަރަަމަންޓް މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ރާއްޖެއާ ހަމައަށް ފޯރައި، ރާއްޖޭގެ ވައި ތަޣައްޔަރުކުރުވާ ކަން ދިރާސާތަކުން ދައްކާ ކަމަށެވެ.
އަދި މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމަކީ ހުޅަނގުން އިރަށް ވައި ބަދަލުވުމާއި ގުޅިގެން އިރުދެކުނު އޭޝިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ދިމާވެފައިވާ ވައި ނުސާފުވުމެއް ކަަމަށްވެސް ބުނެފައި ވެއެވެ.