twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނަރުހުން ތަމްރީނުކުރަން ސްކޮލަޝިޕަށް ހުޅުވާލައިފި

Dec 14, 2022

ނަރުހުން ސްޕެޝަލައިޒްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދާ ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ ފެންވަރުގެ 15 ފުރުސަތަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނަރުހުން ސްޕެޝަލައިޒްވުމަށް ކުރިއަށްގެންދާ ސްކޮލާޝިޕް ޕްރޮގްރާމުގެ ތެރެއިން ސާކް ސަރަހައްދުގެ ޤައުމުތަކާއި، މެލޭޝިއާއާއި ފިލިޕީންސްއިން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ނާރސިިންގ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

ސްކޮލާޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދޔުން ދައްކަމުންދާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ. އަދި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންވާނެކަމަށާއި، އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައި ވެގެންނުވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ކުރިން ކިޔެވުމަށް ލޯނު ނަގާފައިވާ ކެންޑިޑޭޓުން ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނުދައްކާ ފަރާތްތަކުން މި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކުރާ ކެންޑިޑޭޓުންގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމަށް ހަވާލުވާނަމަ އެ ހަވާލުވާ ލިޔުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭނެއެވެ.

މި ސްކޮލާޝިޕަށް ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯސް އެލޮކޭޓްކުރެވިފައިވާ ހޮސްޕިޓަލެއްގައި ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ހިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ. އަދި ކޯސް ފުރިހަމަނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ހަރަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަންޖެހޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންކަމަށެވެ. އަދި އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ ބެޗްލާސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތުގެ ދިގުމިނަށްކަމަށެވެ.

ނަރުހުން ސްޕެޝަލައިޒްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދާ ސްކޮލާޝިޕުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 29 ގެ ނިޔަލަށެވެ.

އެގޮތުން މި ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30ގެ ކުރިން މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355