މި މަހުގެ 23 ވަނަ ދުވަހުގެރޭ "ފެލާލައިފި"ގެ ނަމުގައި ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވަލް ސަރަހައްދުގަ އެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމް އިން ވަނީ ދައުވަތު ދީފަ އެވެ.
"ފެލާލައިފި"ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމުގެ ގޮތުން ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން “ފެލާލައިފި”މި ނަމުގައި ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއެއް 23 ޑިސެންބަރ2022މ.ވާ ހުކުރު ދުވަހުގެރޭ 8:30ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ.ވަޑައިގެން ދެއްވާ! @RY2023 @IndiaOut #Felaalaifi
— Abdul Raheem Abdulla (@Banafsaa) December 14, 2022
އިދިކޮޅު ކޯލިޝަނުން މީގެކުރިންވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ގޮތުން ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ.
ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ދުވަސްކޮޅާ ދިމާކޮށް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް އިތުރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"މި ނަން ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އަދި އެންމެންނަށް ވެސް އެނގޭނެ ފަދައިން މި ސަރުކާރަކީ ރައްޔިތުން ފެލައިގެން ވެރިކަންކުރާ ސަރުކާރެއް ކަމަށް ހީނާ ވިދާޅުވި އެވެ.
އެގޮތުން ޑޮލަރުގެ އަގު ބޮޑުވެއްޖެ ކަމަށާއި އެއްޗެހީގެ އަގު ބޮޑުވެއްޖެ ކަމަށާއި އަދި އަންނަ ޖެނުއަރީން ފެށިގެން ރައްޔިތުން އަތުން ބޮޑު ޓެކްސްއެއްވެސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވިގޮތުގައި ޖޫރިމަނާގެ ގޮތުގައި ވެސް މި ސަރުކާރުން ދަނީ ރައްޔިތުން "ފެލަމުން"ނެވެ. އަދި ދައުލަތުގެ މާލިއްޔާގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ހީނާ ތުހުމަތުކުރެއްވިއެވެ.
ހީނާ ވިދާޅުވީ 23 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ތައްޔާރުވުމަށްޓަކައި ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.