twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒިގްޒެގްގެ މައްޗަށް ހޯދި ފަސޭހަ މޮޅާއެކު ސްކައި ފައިނަލަށް

މުޙައްމަދު އަހުމަދު
Dec 17, 2022

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ސެމީގައި އިއްޔެ ހަވީރު ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ މައްޗަށް ހޯދި ފަސޭހަ މޮޅާއެކު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިއްޔެ ކުޅެވުނު މި ފޯރިގަދަ ސެމީ ފައިނަލް ސްކައިއިން ކާމިޔާބުކުރީ 4 - 1 ން ޒިގްޒެގް ބަލިކޮށެވެ. ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސްކައިއިން މިމެޗުގައި ނަތީޖާ ނެރެ މެޗު ޑޮމިނޭޓްކުރި އެވެ.

ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ސްކައިއިންނެވެ. އިބްރާހިމް ސިރާޖް މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުން ލީޑު ނެގިނަމަވެސް ލީޑު ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކަށެވެ. 11 ވަނަ މިނެޓުގައި މުހައްމަދު ޖަމްޝާދު ޒިގްޒެގަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

27 ވަނަ މިނެޓުގައި މާއްދު އަދުނާންގެ ލަނޑުން އަނެއްކާވެސް ސްކައިއިން ލީޑު ނެގިއިރު ފުރަތަމަ ހާފު ނިމުނީ 2 - 1 ން ސްކައި ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ޒިގްޒެގުން ވެސް ކުޅުން ރަނގަޅު ކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ދެވަނަ ހާފު ސްކައިގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.

އަދި މެޗުގެ 91 ވަނަ މިނެޓުގައި އިއްބެގެ ރީތި ލަނޑަކުން ސްކައި ފައިނަލަށް ގެންގޮސްދިނެވެ. މެޗުގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ވެސް ހިނގާފައިވެ އެވެ. މި ފޯރިގަދަ މެޗު ސްކައިއިން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްކައިގެ ޖޯޒީ ނަމްބަރު 21 އިއްބެ އެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަދުވަހުގެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މިމެޗުގައި ބައްދަލުކުރާނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އާއި ކުލަބް ކޮރަލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355