twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގާއި ހޯޕް ފޯ ވިމެން ގުޅިގެން ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Dec 18, 2022

ދިރާގާއި ހޯޕް ފޯ ވިމެން ޖަމިއްޔާ ގުޅިގެން ބައިނަލްއަގުވާމީ "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕެއް ބާއްވާއިފިއެވެ.

އެ ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށެވެ.

ދިރާގުން ބުނީ އެ ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާއާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުންދިނުން ކަމަށެވެ.

އެގޮތުން، ކަމާ ގުޅުން ހުރި ގާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާ ދެކޮޅަށް ވަކާލާތުކުކުރުމުގެ ހަރުދަނާ ގޮތްތަކާއި، ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

"ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް ގެ ދަށުން ހޯޕް ފޯ ވިމެންއާއެކު މި މުހިންމު ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަގުސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވަޑައިގެންކަމީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް،" ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވިއެވެ.

ހޯޕް ފޯ ވިމެންގެ ޗެއާޕާސަން، އަހްމަދު އަންވަރު ވަނީ އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމުގައި ދިރާގުން ގުޅިގެން މަސައްކަތް ކުރިކަމަށްޓަކައި ޝުކުރު އަދާ ކޮށްފައެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކޮންމެ އަހަރުކުވެސް ފާހަކުރާ ކެމްޕެއިނާ ގުޅިގެން އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަކީ މުނާސަބު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް، މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކާ ބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އަންވަރު ވިދާޅުވިއެވެ.

ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން، އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

އެގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހޯޕް ފޯ ވިމެންއިން ވަނީ އެކިއެކި ވަކާލާތުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. އެ ވޯކްޝޮޕްތަކުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ އެ ޖަމިއްޔާގެ ހޯޕް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް ޓްރެއިނިންގެ ފަރާތުންނެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ އެކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގައި އިސްކަންދޭ މައިގަނޑު ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާއި އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި މަސައްކަތުގެ މާހައުލަށް އިސްކަންދިނުމާއި ޚާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން ކުރިއެރުވުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355