ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ "އަވާ އޮފް ކޯޑް އެޓް ވިމެން އިން ޓެކް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"އަވާ އޮފް ކޯޑް" އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓަ ސައިންސް ހަފުތާގެ ދަށުން ކޯޑު.އޯއާރްޖީން (Code.org) ބާއްވަމުން އަންނަ ހަރަކާތެކެވެ.
އެއީ އެއްގަޑިއިރުގެ ތެރޭގައި ކޮމްޕިއުޓާ ޕްރޮގްރާމިންއާ ބެހޭ އެކި މައުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތައާރަފު ކޮށްދޭ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި 2000 ދަރިވަރުންނާ ހަމައަށް އެ ހަރަކާތް ގެނެސްދިނުމެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ސައިންސާއި ކޯޑިންގެ ދާއިރާ އަށް އަހުލުވެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓަ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ، މި އަހަރުގެ "އަވާ އޮފް ކޯޑް" ގެ މައިގަނޑު ހަރަކާތް ބާއްވާނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ކަމަށް ހާއްސަ ކޮށްފައިވާ ލިންކު މެދުވެރިކޮށް މިހާރު ރަޖިސްޓަރީ ވެވޭނެ އެވެ.
ދިރާގުން ބުނިގޮތުގައި، އަމިއްލަ ގޮތުންނާއި ސްކޫލްތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށް ވެސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ. ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ހަރަކާތްތެރިވާނީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ދިރާގު އަދި ސްކޫލްތަކުގެ ޓީޗަރުންނެވެ.
ކޯޑް.އޯއާރްޖީން ތައާރަފުކުރި އެ ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭގައި 2019 ވަނަ އަހަރުން ފެށިގެން ކޯޑް.އޯއާރްޖީގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސް އެވެ.
"އަވާ އިން ކޯޑް" ހަރަކާތުގެ ކުރިން ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ބ. ގޮއިދޫ ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލާއި ފުވައްމުލަކު ސްކޫލްގައި ވެސް ފިޒިކަލް ސެޝަންތަކެއް ބޭއްވި ކަމަށް ދިރާގުން ބުންޏެވެ.