twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކެމިކަލް އެތެރެކުރަން ލައިސަންސެއް ލާޒިމުކުރަނީ

ނަބީލާ އިސްމާޢީލް
Dec 18, 2022

ރާއްޖެއަށް ކެމިކަލް އިންޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ލައިސަންސެއް ހޯދުން ލާޒިމްވާ ގޮތަށް ކަނޑައަޅައި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، މިދިޔަ ނޮވެންބަރު 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ [ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993] ގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒްކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކޮށްފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355