twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފަޅުރަށްރަށާބެހޭ ގާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

Dec 18, 2022

އެކި ބޭނުންތަކަށް ފަޅުރަށްތައް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށްގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބޭނުމަކީ، މި ގާނޫނުގައި އެކުލެވޭ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުސުވާ ކަންކަން އިސްލާހުކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތް ފަރާތުން ވަކިކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއްކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ. އެހެންނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއްނާޅާކަމުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ، ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށާއި، އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރެވޭ ގޮތާއި ގާނޫނާ ހިލާފު ވެއްޖެނަމަ ލިބޭނެ އަދަބު ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.

މި ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

މި ބިލު ތަސްދީގު ކުރެއްވުމުން، ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355