ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ މޫނު ޖަހައިގެން ބޭންކް ނޯޓެއް އުފެއްދުމުގެ ވިސްނުން އާޖެންޓީނާގެ ސެންޓްރަލް ބޭންކުން ގެންގުޅޭކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ކުޅަދާނަ ފޯވާޑް މެސީ ވަނީ މެކްސިކޯގައި 1986 ގައި އާޖެންޓީނާއިން ވޯލްޑްކަޕް ނެގިފަހުން ފުރަތަމަ ފަހަރަށް އާދިއްތަ ދުވަހު ގަތަރުގައި ނިމުނު 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތައްޓާ ހަމައަށް އާޖެންޓީނާ ވާސިލްކޮށްދީފަ އެވެ.
އަދި މެސީގެ މޫނު އާ 1000 ޕެސޯ ބިލެއްގައި ޖެހުމަށް ގިނަ މަޝްވަރާތަކެއް ވެސް ކުރެވެމުން އަންނަ ކަމަށް ބޭރުގެ ބޮޑެތި ނޫސްތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
އެލް ފިނާންސިއެރޯ ކިޔާ ނޫހަކުން ރިޕޯޓުކުރި ގޮތުގައި އާޖެންޓީނާގެ ސެންޓްރަލް ބޭންކުން އެގައުމުގެ ފުޓްބޯޅަ ޓީމުން ގަތަރުގައި ހޯދި ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށާއި އެކަމަށް ގިނަ ގޮތްތަކެއް ވިސްނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
1000 ޕެސޯގެ ނޯޓުގެ ސާމްޕަލްތަކެއް ވައިރަލްވެފައިވާއިރު މިކަން ހަގީގަތަކަށް ވުމަށް ގިނަ ފޭނުންތަކެއް އަންނަނީ އުއްމީދުކުރަމުންނެވެ.
1000 ގެ ބިލުގައި މެސީގެ ފޮޓޯ ޖެހުމުގެ އެންމެ މުހިންމު ސަބަބަކީ 10 އަކުން ފެށޭ ނަމްބަރަކަށް ވުމުންނެވެ. ނަމްބަރު 10 އެއީ މެސީގެ ޖޯޒީ ނަމްބަރެވެ. މެސީގެ ހެވިފައިވާ ފޮޓޯއެއްގެ ބިލުގެ ކުރިމަތި ފަޅީގައި އިންނައިރު ޓީމުގެ ނިކްނޭމްކަމަށްވާ 'ލަ ސްކަލޯނޭޓާ' އަކީ ފަހަތުގައި ޖެހުމަށް ހާއްސަކުރެވިފައިވާ ނަމެވެ.
މި ނަން އައިސްފައިވަނީ ޖޯޖް ސަމްޕައޮލީ ވަކިވުމުން 2018 ވަނަ އަހަރު ލިއޮނަލް ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވުމުންނެވެ. ސްކަލޯނީގެ ކޯޗުކަމުގެ ދަށުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި ފުރަތަމަ ފައިނަލީސިމާ އަދި މިއަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއިން ވަނީ ހިއްލާލާފަ އެވެ.
ބޭންކް ޕްރެސްގެ އޮފިޝަލުން ގަބޫލުކުރާގޮތުގައި މި ނޯޓް ރިލީސްކުރުމުގެ ޕްލޭން ކާމިޔާބުވެއްޖެނަމަ އާޖެންޓީނާގެ ރައްޔިތުން އެއްކުރާ ނޯޓަކަށް މި ނޯޓް ވެގެންދާނެ އެވެ. އެހެންނަމަވެސް މިއީ މިގޮތަށް ނޭޝަނަލް ޓީމުގެ ކާމިޔާބީ ފާހަގަކޮށް ހަދާ ފުރަތަމަ ފައިސާއެއް ނޫނެވެ.
1978 ގެ ވޯލްޑްކަޕުގެ ކާމިޔާބަށް ފަހު އެކަމުގެ ހަނދާނުގައި އެގައުމުން ވަނީ ކޮއިންސްތަކެއް ވެސް ރިލީސްކޮށްފަ އެވެ. އަދި އާޖެންޓީނާގެ ކުރީގެ ފަސްޓް ލޭޑީ އެވާ ޕެރޮންގެ 50 ވަނަ މަރު އެނިވާސަރީގައި މިކަހަލަ ކޮއިންސްތަކެއް އުފެއްދި އެވެ.
އާދިއްތަދުވަހު ކުޅެވުނު ވޯލްޑްކަޕު ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު 3 - 3 ން އެއްވަރުވެ ޕެނަލްޓީއަށް ދާން ޖެހުނުއިރު މެސީ އެމެޗުގައި ދެލަނޑު ޖެހި އެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާއިން ވަނީ 4 - 2 ން އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ކުރިހޯދާފަ އެވެ.