twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަލިކާއި ރާއްޖެއަށް ސީދާ ދަތުރުތައް ނުބޭއްވެންވީ ކީއްވެ؟

Dec 23, 2022
1

ޒަމާންތަކެއް ކުރިން އެއީ ރާއްޖޭގެ އުތުރެވެ. އެ ތަނުގެ އަހުލުވެރިންގެ ބަހުރުވައަކީ ދިވެހި ބަހެވެ. އަގީދާއަކީ، ދިވެހިން ވެސް ގަބޫލުކުރާ، މާތްވެގެންވާ އިސްލާމް ދީނެވެ. ހަމަ އެއް އާއިލާއެކެވެ. ގާތް ތިމާގެ ގުޅުން އޮތް ކިތަންމެ ބަޔަކު މިހާރު ވެސް ރާއްޖޭގެ އުތުރުގެ ރަށްރަށުން ދިމާވެ އެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ މިހާރު އެއީ އިންޑިއާގެ ތަނެކެވެ.

މަލިކުގެ ފޮޓޯތައް ސޯޝަލް މީޑީއާއިން ދެކެމެވެ. މަލިކުގައި ހުރި ސަރުކާރު އިމާރާތްތަކާއި، ތައުލީމާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ނަން ބޯޑު ވެސް ހުންނަނީ ދިވެހި ބަހުންނެވެ. މަލިކު ޒުވާނުން އުފައްދާ ލަވަތައް ޔޫޓިއުބުން ދެކެމެވެ. ބަހުރުވައިގައި ކުދިކުދި ތަފާތު ކަމެއް ހުއްޓަސް ކިޔާ އެއްޗެއް ފަހުމުވެ އެވެ. ދިވެހި ބަހުގެ ބަހުރުވައެއްތާ އެވެ.

މަލިކަށް ވަރަށް ދާހިތްވެ އެވެ. އެކަމަކު ދުވަހަކު ވެސް ނުދެވެ އެވެ. ކައިރިއަކަސް ދާން އޮތް ރާސްތާ ދުރީ އެވެ. މަލިކާއި އެންމެ ކައިރި ރަށަކަށް އޮތީ ވެސް ހއ. ތުރާކުނެވެ. އެކަމަކު ހއ. އަތޮޅުން މަލިކަށް ސީދާ ދަތުރެއް ނުކުރެވެ އެވެ. އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައި ނޫނީ ލަކްޝަދީޕްގެ އެއްވެސް ރަށަކަށް ސީދާ ދަތުރުކުރެވޭ ގޮތެއް ނޯވެ އެވެ.

މި ދާދި ފަހަކުން ޓުއަރިޒަމް މިނިސްޓަރު ހއ. އަތޮޅުގެ ބައެއް ރަށްރަށާއި ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅެކެވެ. ޓުއަރިޒަމް ވިޔަފާރި ނެތް އަތޮޅަށް މިނިސްޓަރު ވަޑައިގަތީ ތަފާތު ކޮންސެޕްޓްތަކަށް ބިނާކޮށް މި އަތޮޅުގައި ޓުއަރިޒަމް ހިންގުމަށް ރަށްރަށުގެ މީހުންގެ ހިޔާލު ހޯދުމަށެވެ.

އެއީ ހދ. ނެއްލައިދޫގައި ބޭއްވި ބައްދަލުވުމެކެވެ. އެ ރަށު ދުވަސްވީ މީހަކު މިނިސްޓަރަށް ހިޔާލެއް ދިނެވެ. ހިޔާލާއެކު ސުވާލެއް ވެސް ކުރި އެވެ. ހިޔާލަކީ މަލިކާއި ރާއްޖޭގެ އުތުރުގެ ރަށްރަށާ ދެމެދު ސީދާ ދަތުރުތަކެއް ފެށުމެވެ. މަލިކު މީހުން ރާއްޖެ އަންނަން ބޭނުން ވާނެ އެވެ. ރާއްޖޭގެ މީހުން މަލިކަށް ދާން ބޭނުން ވާނެ އެވެ. ރަނގަޅު ޓުއަރިޒަމެއް ހިންގޭނެ އެވެ. އެ ވިސްނުން ގައިމު ދިވެހި ވެރިންގެ ވެސް ހުންނާނެ އެވެ. ކުރި ސުވާލަކީ އެ ކަން މިހާތަނަށް ނުވެ އޮތީ ކީއްވެ ހެއްޔެވެ؟

މިނިސްޓަރަށް ވެސް އެ ދުވަހު މާ ސާފު ޖަވާބެއް ނުދެވުނެވެ. ވިދާޅުވެވުނުހާ ވެސް ކަމަކީ ތިއީ ރަނގަޅު ހިޔާލެކެވެ. އެ ކަން ނުވެ އޮތީ ކީއްވެ ކަމެއް ސީދާ ނޭނގެ އެވެ. ތި ކަން ވެސް ކުރެވޭތޯ ބަލައިލާނީ އެވެ.

އޭގެ ޖަވާބެއް ހޯދަން ކުރި މަސައްކަތުގައި ޖަވާބެއް އަހަރެންނަށް ވެސް ފެނުނީ ފޮތަކުންނެވެ. ފޮތަކީ "އިންސާފު-ރައީސް ވަހީދުގެ ހަޔާތުން" އެވެ. މުހައްމަދު ޖަމީލް ލިޔުއްވާފައިވާ އެ ފޮތް ނެރުނީ 2016 ވަނަ އަހަރެވެ. އެއީ ރައީސް ވަހީދާ އިންޓަވިއު ކުރެއްވުމަށް ފަހު، އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.

އެ ފޮތުގައި ޖަމީލް ލިޔެފައިވާ ގޮތުން، އޭރުގެ އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގަށް، އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެ ހިޔާލު ހުށަހަޅުއްވަ އެވެ. އެ ބައްދަލުވުމުގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވި ވަހީދު ވެސް އިންނެވި އެވެ. ހިޔާލު ހުށަހެޅުއްވި ނަމަވެސް މަންމޯހަން ސިންގަށް ހިޔާލު ކަމު ނުދިޔައީ އެވެ. ކޯފާ އިސްކުރައްވައި، އެ ކަން ނުކުރެވޭނެކަން ނަޝީދަށް އެންގެވީ އެވެ.

ފަހަރެއްގައި މިއަދާ ހަމައަށް ވެސް ސިޔާސީ ހަގީގަތަކީ އެއީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. މަލިކު ނޫނަސް، އިންޑިއާއާއި ރާއްޖޭގެ އުތުރާ ދެމެދު ޕެސެންޖާ-ފެރީ ނިޒާމެއް ގާއިމުކުރަން ކިތަންމެ ސަރުކާރަކުން ވާހަކަ ދައްކާފައި އޮވެ އެވެ. ހާއްސަކޮށް މިހާރު ވެރިކަން ކުރާ އެމްޑީޕީން ރައްޔިތުންނަށް އެ ވައުދު ހުށަހަޅަ އެވެ. އެކަމަކު އެ ކަން ކާމިޔާބު ވެފައެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355