twitterviber whatsapp telegramfacebookyoutube instagram
27th July 2024

ހިޔާލީ ކޮލަމް؛ ރާއްޖޭގައި ވޯލްޑްކަޕް...

Dec 24, 2022
--- ހިޔާލީ ފޮލާ.. މިއީ ހަގީގަތްތަކުގެ ފެށުމެވެ. "ހިޔާލީ ކޮލަމް" ލިޔަން ގަސްތު މި ކުރަނީ ކޮންމެ ވެސް ދުވަހަކުން މި ހިޔާލުތައް ހަގީގަތަކަށް ވުމުގެ އުންމީދުގަ އެވެ. ---

ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕެވެ. އެއީ ފިރިހެން އަދި އަންހެން މުބާރާތް ވެސް ހިމެނޭހެނެވެ. ފީފާގެ އަމާޒު ވެސް ހުރީ ތަފާތު ސަގާފަތްތައް އޮތް އެކި ގައުމުތަކަށް އެ ފުރުސަތުތައް ދިނުމެވެ. ފިރިހެން މުބާރާތުގެ 22 ވަނަ އެޑިޝަން އެ ނިންމައިލީ އެވެ. ފުރަތަމަ ފަހަރަށް އެ މުބާރާތް މުސްލިމު އަރަބި ގައުމެއްގައި ބާއްވައިގެނެވެ. އެއް ބަޔަކަށް އެއީ މީގެ އެންމެ ފުރިހަމަ މުބާރާތެވެ.

ގަތަރު ވޯލްޑް ކަޕްގެ ފުރިހަމަކަން ފެނި ދިވެހި ޒުވާނުން ވެސް ކޮފީ މޭޒުތަކާއި ގޭގެ ސިޓިން ރޫމާއި، އޮފީސް ތެރޭގައާ ދެއްކި އެއް ވާހަކައަކީ ރާއްޖޭގައި އެ މުބާރާތް ބާއްވާ ފަހަރެއްގެ ވާހަކަ އެވެ. ތަފާތު ހިޔާލުތަކުގެ ވާހަކަ އާދެ އެވެ. އެ ބޭއްވޭނެ ގޮތުގެ ކޮންސެޕްޓްތައް ކިޔައިލާ ގޮތުން ދިވެހިންގެ ހިޔާލުތައް ތަނަވަސްކަން އަހަރެންނަށް ވެސް އިހުސާސްކޮށްލެވުނެވެ.

މީގެ ކުރިން ވެސް މި ވާހަކަ ދެއްކެ އެވެ. މިހާ ކުޑަ ބިން އޮތް ތަނެއްގައި އެ ވަރުގެ މުބާރާތެއް ބޭއްވޭނެ ހެއްޔެވެ؟ އެ ސުވާލަކީ ގަތަރުގައި ބާއްވަން އުޅުމުން ވެސް ހުޅަނގުގެ ގައުމުތަކުގެ އިތުރަށް، އިރުމަތިން މި އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުން ވެސް އުފެއްދި ސުވާލެކެވެ. އެކަމަކު 10 ސްޓޭޑިއަމްގައި މެޗުތައް ކުޅެގެން، ކުރިއަށް ދިޔަ އެ މުބާރާތް ވަރަށް ވެސް ފުރިހަމަ އެވެ.

ރާއްޖޭގައި ބާއްވާ ނަމަ، ޓީމުތަކުގެ އެކޮމޮޑޭޝަންތަކާއި ދަނޑުތަކާއި އަދިވެސް އިތުރު އިންފްރާސްޓްރަކާ ގާއިމްކުރަން ޖެހިދާނެ އެވެ. އެ ކަން ވެސް އުޅެފިނަމަ ވާނެ އެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު، އެންމެ ދަނޑު ގިނަ އެއް ގައުމަކީ އަދިވެސް ރާއްޖެ އެވެ. މިހާރު ވެސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ކަމަށް ތަނެއް އޮވެ އެވެ. ދެން ކުރަން ޖެހޭނެ ކަމަކީ އެ ދަނޑުތައް އިތުރަށް ތަރައްގީކޮށްލުމެވެ.

ވޯލްޑްކަޕް ދެން ބާއްވަނީ 48 ގައުމު ވާދަކުރާ ގޮތަށެވެ. ދެން ބިޑްތަކުގެ ބާރު ގަދަ ވަނީ ވެސް ގުޅިގެން ހުށަހެޅޭ ބިޑެއްގަ އެވެ. 2026 ގެ ވޯލްޑްކަޕް ވެސް ބާއްވަނީ ތިން ގައުމެއްގަ އެވެ. އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގަ އެވެ. 2030 ގެ މުބާރާތަށް ވެސް ޖޮއިންޓް ބިޑްތައް މަދެއް ނޫނެވެ. ސްޕެއިން، ޕޯޗުގަލް ގުޅިގެން ބިޑް ކުރެ އެވެ. އެ އަހަރަށް މި މުބާރާތަށް 100 އަހަރު ފުރޭއިރު، 100 އަހަރު ކުރިން މުބާރާތް ފެށުނު އުރުގުއޭއިން ވެސް ބިޑް ކުރަނީ އެ ގައުމާ ޖެހިގެން އޮތް އާޖެންޓީނާ، ޕެރެގުއޭ އަދި ޗިލީއާ ވެސް ގުޅިގެނެވެ.

ރާއްޖެއަށް ވެސް މި ބިޑް ގުޅިގެން ބާއްވަން މަސައްކަތް ކުރެވިދާނެ އެވެ. ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބޮޑު ވާނީ އޭރަށެވެ. ހާއްސަކޮށް ލަންކާ އަދި މެލޭޝިއާއާ ވާހަކަ ދެއްކިދާނެ އެވެ. އަދި އިންޑިއާއާ ވެސް ވާހަކަ ދެއްކޭނެ އެވެ. އޭރަށް ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތަކެއް ރާއްޖޭގައި ބޭއްވޭ ގޮތަށް ހަމަޖެހިދާނެ އެވެ. އަދި ކޮންމެ ގައުމަކުން ވެސް މެސްކޮޓެއް ތައްޔާރުކުރާ ގޮތަށް ބިޑް ލެވިދާނެ އެވެ.

ރާއްޖޭން ވެސް އަހަރުމެންގެ އަމިއްލަ މެސްކޮޓެއް ހަދާ ގޮތަށެވެ. ބިޑްގައި ހިމެނޭ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ސަގާފަތާ ގުޅުވައި، އެ ގައުމަކަށް ޚާއްސަ މެސްކޮޓެއް ހަދާ ގޮތަށް ސަޅިވާނެ އެވެ. ރާއްޖޭން ވެސް އަމިއްލަ މެސްކޮޓެއް ހެދިދާނެ އެވެ. ފަންބޯޅަ ކޮންސެޕްޓްއަށް، ދިވެހި ދިދަ ރަމްޒުވާ ގޮތަށް މެސްކޮޓެއް ތައްޔާރުކޮށްލުން އެއީ ކަމުދާ ހިޔާލެކެވެ. ދިވެހިންގެ ތެރޭ އާންމު ނަމެއް އެޔަށް ކިޔެދާނެ އެވެ. މިސާލަކަށް، އައްޔަ، އިއްބެ، އިއްސެ، މޯޑު، އަބޯ ކަހަލަ ނަމެއް ދެވިދާނެ އެވެ.

ރާއްޖޭން ޖޮއިންޓް ބިޑެއްގައި ބައިވެރިވާން ވާނީ 16 ގްރޫޕްގެ ތެރެއިން މަދުވެގެން، ގާތްގަނޑަކަށް ހަތަރެއް ނޫނީ ފަސް ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބާއްވާ ގޮތަށެވެ. އެއިން ކޮންމެ ގްރޫޕް ސްޓޭޖެއް އަތޮޅެއްގައި ބާއްވާ ގޮތަށް ހަމަޖެހިދާނެ އެވެ. ބާއްވާ ރަށްރަށް ހަމަޖެއްސުމުގައި ވީހާވެސް ދަތުރުފަތުރު ފަސޭހަ، ބިން ބޮޑު ސަރަހައްދުތަކެއް ކަނޑައެޅިދާނެ އެވެ.

ލ. އަތޮޅު، ގދ. އަތޮޅު، އަދި އައްޑޫ ސިޓީއަކީ ރަނގަޅު ޗޮއިސްއެކެވެ. އޭރަށް ކަނޑުގެ ދަތުރުފަތުރުތައް މަދު ވާނެ ގޮތަކަށް ރާވާލެވޭނެ އެވެ. ގޮއިފުޅަފެހެންދޫ، ހޯރަފުށި-އިހަވަންދޫ ސަރަހައްދު ވެސް ގްރޫޕެއްގެ މެޗުތައް ބާއްވަން ރަނގަޅެވެ. މަކުނުދޫ ވަކިން ސްޕޯޓްސް ޓުއަރިޒަމަށް ފައްކާ ކުރާ ގޮތަށް ޕްލޭނެއް ހެދިދާނެ އެވެ. ގިނަ ދިވެހީން ތިބީ މާލެ ސަރަހައްދުގައި ކަމުން، ހުޅުމާލޭގައި ވެސް ގްރޫޕް މެޗުތަކެއް ރޭވިދާނެ އެވެ. ވިސްނާލައިފިއްޔާ ރާއްޖޭގައި ވެސް ޗޮއިސްތައް މަދެއް ނޫނެވެ.

މި ވޯލްޑްކަޕް ކޮންސެޕްޓް ޕްރޮމޯޓް ވެސް ކުރެވިދާނެ އެވެ. "ފަސްޓް-އެވޭ އައިލެންޑް ވޯލްޑް ކަޕް" ފަދަ ޝިއާރެއް ހަމަޖެއްސިދާނެ އެވެ. މުބާރާތް ނިންމުމަށް ފަހު، މިހާރު ވެސް ގިނަ ކުޅުންތެރިންގެ މަންޒިލަކީ ރާއްޖޭގެ ރިސޯޓެވެ. ރާއްޖޭގައި އޮންނަ ވޯލްޑްކަޕްގައި އެ ޓީމެއްގެ ދައުރު ނިމުމުން، ރިސޯޓްތަކުން ހާއްސަ ޕެކޭޖްތަކެއް ވެސް ކުޅުންތެރިންނަށް ހަމަޖެއްސިދާނެ އެވެ.

-- މިފަދަ ގިނަ ހިޔާލީފޮލާ ކޮލަމްތަކެއް ގެންނަން ގަސްތު ކުރަމެވެ. --

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355