twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަޅުގަނޑުގެ ވެރިކަމުގައި ޓެކްސް ކުޑަ ކުރާނަން: ނަޝީދު

Dec 29, 2022

ރައްޔިތުން އަތުން ނަގާ ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ސަރުކާރުގެ ދަރަނި މެނޭޖު ކުރާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަޝްވަރާކޮށް ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް "ޑެބިޓް ރީސްޓްރަކްޗާ" ކުރުމަށް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން 2023 ވަނަ އަހަރު ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސް ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރައްވައި ތަކެތީގެ އަގު ކުޑަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ދެ ކަމެއް. ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީ ސަރުކާރެއްގައި ޓެކްސް ކުޑަކުރާނެ. ތަކެތީގެ އަގު އިންފްލޭޝަން ދަށަށް ދާނެ. ތިބޭފުޅުންގެ ހާސްކަމަށް ޝިފާއެއް، ލުޔެއް ގެނެސްދޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވާއިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާނީ މި އުސޫލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355