ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕްރައިމަރީއާއި ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ބައެއް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނަކީ އަބަދުވެސް އެކި ކަންކަމުގައި ހިޔާލު ތަފާތު ދެ ބޭފުޅުންކަމަށެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތަކާއެކުވެސް ކުރިއަށްދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވެރިކަމުގައި ހުރިއިރު ވެސް ނިންމެވި ބައެއް ނިންމެވުންތަކާ ދެކޮޅު ހަދައި ފެންނަ ގޮތް ހާމަކުރެއްވި ކަމަށާއި ނަމަވެސް ނަޝީދަކީ އޭރު ވެރިއަކަށް ހުންނެވި ފަރާތަށް ވާތީ އެމަނިކުފާނު ގިނަ ފަރާތްތަކާ އެކީ މަޝްވަރާ ކުރެއްވުމަށްފަހު ނިންމުމުން އެކަން ގަބޫލުކުރެއްވި ކަމަށެވެ. މި ކޯލިޝަން ވެރިކަމުގައި ވެސް ކަންކަން ނިންމަވަނީ ގިނަ ބަޔަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ހުށަހެޅޭ ކަންތައްތަކުގައި ހިޔާލު ދެއްވަންވީ ހުރިހާ ބޭފުޅުން ވެސް. އެހެން ނަމަވެސް އަޅުގަނޑަށް މި މަގާމުގައި ހުރެ ކަންތައްތައް ނިންމޭނީ ގިނަ ބައެއްގެ މަޝްވަރާޔާއާއެކުގައި، ގިނަ ބަޔަކަށް ފައިދާވާ ގޮތަކަށް. ވަކި މީހެއްގެ ވަކި ކަމެއް ހާސިލުކުރުމަށްޓަކާ އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމަކަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންނާ މަޝްވަރާ ކުރުމަށްފަހު." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިވަގުތު އެމަނިކުފާނާއި ނަޝީދާއި ދެމެދު އޮތް އެންމެ ބޮޑު ހިޔާލުތަފާތުވުމަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ހުރުން ކަމަށެވެ.
"އެއީ ކޮންމެހެން އަޅުގަނޑު ވެގެންނެއް ނޫން. ރައީސް ނަޝީދަކީ ވިދާޅުވާ ގޮތުން ވެރިކަން ބޭނުންފުޅުވާ ބޭފުޅެއް. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުރި ނަމަވެސް އެ ހިޔާލު ތަފާތުވުން އޮންނާނެ ކަމަށް ދެކެނީ." ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.