twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަޅުގަނޑުގެ ސަރުކާރެއްގައި ކުޅުދުއްފުށި ފްލެޓްތަކުގެ ކުލި ކައުންސިލަށް ލިބޭނެ: ނަޝީދު

އަބްދުލް ވާހިދު ޙަސަން
Dec 30, 2022
4

ކުޅުދުއްފުށި ސިޓީގެ ފްލެޓްތަކުގެ ކުލިން ކައުންސިލަށް އާމްދަނީއެއް ލިބި، ކައުންސިލުން އަމިއްލައަށް ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ ބަޖެޓުން ފްލެޓްތައް އެޅެން ވާނެ ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުޅުދުއްފުއްޓަށް މިއަދު ހަވީރުގެ ވަގުތެއްގައި ވަޑައިގަތީ، އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށެވެ. އެ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިރޭ ބަންޑާރަމައިދާނުގައި ކުޅުދުއްފުށީގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑު ގޯހެއް އޮތީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން ވިސްނަވާފައި އޮތް ސިޔާސަތުތަކުގައި ކަމަށެވެ.

"އަޅުގަނޑު މިއަދު އައިސް ބަލައިލީމާ މީގެ ކުލި ލިބެމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް، މިއީ އެ ކުންފުނީގެ އިސްވެންޓްމަންޓެއް ނޫން، މިއީ ތިލަދުންމަތީގެ އިންވެސްޓްމަންޓެއް،" ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ނަޝީދު ވިދާޅުވީ ދެން އެމަނިކުފާނު ހުންނަވާ އެމްޑީޕީގެ ސަރުކާރެއްގައި ފްލެޓްތަކުގެ ކުލި ލިބެނީ ކައުންސިލަށް ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީ ސަރުކާރެއްގައި ކައުންސިލަށް މި ފައިސާ ލިބި، ކައުންސިލުން ކުރިއަށް އޮތް ތަނުގައި ފްލެޓްތައް އެޅޭނެ އިންތިޒާމެއް އެމްޑީޕީން އިރާދަކުރެއްވިއްޔާ ކުޅުދުއްފުށި ރައްޔިތުންނަށް ހޯދައިދޭނަން." ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355