މި ސަރުކާރަށް ކުޅުދުއްފުށީގެ އެންމެ މަގެއްވެސް ހަދާނުލެވުނުކަމަށް ވިދާޅުވެ ޕީޕީއެމް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް އަބުދުލްރަހުމާނު އިސްމާއިލް (އަދުރޭ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ މާރޗުމަހު އެމްޑީޕީގެ ޗެއާރޕާސަން އިންތިހާބު ބޯމަތިވެފައިވަނިކޮށެވެ. މިރަށުގެ މަގު ހެދުމުގެ މަަސައްކަތް ދަނީ ވަރަށް މަޑު ދުވެލީގައި އެވެ.
ޕީޕީއެމް ދެކުނު ދާއިރާގެ ރައީސް އަދުރޭ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހަތަރު އަހަރު ނިމިގެންދިޔައިރުވެސް ކުޅުދުއްފުށީގެ އެންމެ މަގެއްގެވެސް މި ސަރުކާރަށް ހަދާ ނުލެވުނު ކަމަށެވެ
"4 އަހަރު ނިމިގެންދިޔައިރު އެންމެ މަގެއްވެސް ހަދާނުލެވުނު ސަރުކާރެއްމި. ރައީސް ޔާމީން 18 މަގުގައި ތާރުއަޅާ ނިންމާ ޑޮމެސްޓިކް އެއާޕޯޓެއް ހުޅުވި. [އެއާޕޯޓް] ގައި ލައިޓުގަނޑުވެސް ޖަހާނުލެވުނު ސަރުކާރެއްމި." އަދުރޭ ވިދާޅުވި އެވެ
ރައީސް ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް އެކަށީގެންވާ ތަރައްގީ ލިބިފައެއް ނުވެ އެވެ. އަދި ސޯލިހްގެ ތަރައްގީގެ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިނުގަތް ކުޅުދުއްފުށީ މޭޔަރާއި މަޖިލިސް މެމްބަރު ޔާސިރުވެސް، އެމްޑީޕީ ޕްރައިމަރީގައި ނަޝީދަށް ތާއީދުކުރައްވަން ވަނީ ނިންމަވާފަ އެވެ.