ކުޅުދުއްފުށީގެ ރައްޔިތުންގެ އަޑު އިއްވުމަށްޓަކާ މަޖިލީހަށް ފޮނުވި ދެ މެމްބަރުން ރައްޔިތުންނަށްޓަކާ ބުނެލި އެންމެ ބަހެއްވެސް ނެތް ކަމަށާ ތިއްބެވީ ގޮނޑި ހޫނުކުރަންކަމަށް ކުޅުދުއްފުށީ ޕީޕީއެމް ދެކުނު ދާއިރާގެ ރައީސް އަބުދުއްރަހުމާނު އިސްމާއިލް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަންކުރަން ގޮވާލާ، ރޭ ކުޅުދުއްފުށީގައި ކުރިއަށްދިޔަ އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުން ވޯޓް ދީގެން ރައްޔިތުންގެ އަޑު އިއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ދެ މެމްބަރުން ތިބީ ފިއްލަވައިގެން ކަމަށާއި ރައްޔިތުންނަށްޓަކާ އެ ބޭފުޅުން އެންމެ ބަހެއްވެސް ވިދާޅުނުވާ ކަމަށެވެ.
އެހެން އެވަނީ އެ ބޭފުޅުންގެ ނަގޫ ފިތިފައިވާތީކަމަށްވެސް އަދުރޭ ވިދާޅުވި އެވެ. އަދި އެ ދެ މެމްބަރުން ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއްވެސް ނެތްކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްގީއަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެންމެ ގާ ބުރިއެއްވެސް ބާއްވާފައިނުވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމަށްޓަކާ ރައީސް ޔާމީން ހުންނެވީ ހުރިހާ މެޝިނަރީޒެއް ގެނެސްފަކަމަށާއި އެކަން ރައްޔިތުންނަށް އެނގޭކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިއަދު މިއުޅެނީ އިންޖީނުގެއެއް އަޅަން އުޅެ ނޭޅިފަ. އެ ހުރީ ހުއްޓިފަ. ހަތަރު އަހަރުވެގެން ދިޔައިރު ކޮނެފައޮތް ބަނދަރެއް ހަވާލެއް ނުކުރެވުނު." ވަރަށް ޖޯޝާއެކީ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.