ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ ފެބްރުއަރީ ހަވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ވާނެއެވެ.
އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު ކަމެއް ނޯންނާނެއެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.