ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން އެ ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ދެންމެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ބަނދަރު ސަރަހައްދުގައި ތިބި ޕީޕީއެމްގެ މެމްބަރުން ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާފަ އެވެ.
އަދި ޖަލުގައި ހުންނެވި ރައީސް ޔާމިން މިނިވަން ކުރަން ގޮވާވެސް އަޑު އުފުލި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވައުދުވެފައިވާ ކަންކަން ނުކޮށްދީ ހުރުމުން ވެސް ވަނީ އަޑު އުފުލާފަ އެވެ.
ރައީސް މިހާރު ހުންނެވީ އަމީނީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކެމްޕެއިން އޮފީހުގެ ބައްދަލުވުމެއްގަ އެވެ. އެ ކެމްޕެއިން އޮފީސް ހުރި ސަރަހައްދުގެ ބޮޑު ބަޔެއްވަނީ ފުލުހުން ބަންދުކޮށްފަ އެވެ.