މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ހުރިހާ ރަށެއްގައި އެމަނިކުފާނު ވާހަކަދެއްކެވި ނަމަވެސް ކުޅުދުއްފުށީގައި ޖަލްސާ ބާއްވާފައެއް ނުވޭ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެންނެވުމުން އެ މަނިކުފާނަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.
ރައީސް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުން ޖަމްޝީދު މުހައްމަދާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފުގެ އިތުރުން މޭޔަރު އާތިފެވެ.
މޭޔަރު އާތިފާއި މެމްބަރުން ޔާސިރަކީ މި ޕްރައިމަރީ ރައީސް ނަޝީދަށް ތާއިދުކުރައްވާ ދެ ބޭފުޅުންނެވެ. އެކަމަކު އެ ދެ ބޭފުޅުން ރައީސްއަށް މަރުހަބާ ދަންނަވަން ބަނދަރަށް ވަޑައިގެންނެވިކަމުގައިވިޔަސް ރައީސް ސޯލިހުގެ ކެމްޕެއިންއެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ރައީސް ސޯލިހަށް ކުޅުދުއްފުށިން ލިބިވަޑައިގެންނެވީ ވަރަށް ފިނި ތަރުހީބެކެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ނުކުތީ ވަރަށް މަދު ބައެކެވެ. ރައީސްއަށް މަރުހަބާ ދަންނަވަން ބަނދަރަށް ގެނެސްފައި ތިބީ އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނެވެ.
އެގޮތުން ރައީސްއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދަކަށް ނޮޅިވަރަމުން މީހުން ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ. ކެމްޕެއިން ޖަގަހައަށް ރައީސް ވަޑައިގެންނެވުމުންވެސް އެސަރަހައްދުގައި ތިބީ ވަރަށް މަދު ބައެކެވެ. އޮފީހަށް ވަޑައިގެން ކެމްޕެއިން ޓީމާ ބައްދަލުކުރެއްވުމަށްފަހު އާންމުންގެ ތެރެއަށްވެސް ކުޑަ ވަގުތުކޮޅަށް ނުކުމެވަޑައިގެންނެވި އެވެ.
އެކަމަކު ރައީސް ގިނަ ވަގުތު އިންނެވީ ކެމްޕެއިން އޮފީސް ތެރޭގައި އެވެ. އެހެން ރަށްރަށަށް ވަޑައިގެން ޖަލްސާ ބާއްވާ، ވާހަކަފުޅު ދެއްކެވިނަމަވެސް ކުޅުދުއްފުއްޓަކު ޖަލްސާ ބާއްވާފައެއް ނުވެ އެވެ.
ރައީސްގެ އަރިހުގައި ކޭއާރުއެޗުގައި ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) އާއި މެމްބަރު ޖަމްޝީދުގެ އިތުރުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އަދި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަޑައިގެންނެވި އެވެ.