ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ މިހާރު ހަނިމާދޫގައި މިކަމަށްޓަކައި ކުރިއަށްދާ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. ޖޭއެމްސީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް އީޕީސީ ކުންފުންޏެވެ. އެއީ 136.6 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުއެކެވެ.
ހަނިމާދޫގައި މިހާރު ހިންގަމުން ދަނީވެސް އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެހެން ނަމަވެސް އެ އެއާޕޯޓްގެ ހާލަތު ވަރަށް ދަށެވެ. އެ އެއާޕޯޓްގައި ޒަމާނީ ފެންވަރަށް ހިދުމަތް ނުދެވޭއިރު، އެ އެއާޕޯޓަށް ދުވަސްވެފައިވުމުން، އެއާޕޯޓްގެ ހާލަތު އޮތީ ވަރަށް ދަށް ފެންވަރުގައެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.
އެކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި އެއާޕޯޓްގައި ގާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.
އޭރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ މައި ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫއެވެ.