twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ބަނދަރާއެކު ފުރިހަމަވާނީ އިގުތިސޯދެއްގެ ފުރިހަމަ މޮޑެލެއް: ރައީސް

ނަބީލާ އިސްމާޢީލް
Jan 19, 2023

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއި އާރުޓީއެލް ހިދުމަތާއެކު އުފެދިގެންދާނީ ދިރުން ހުރި އިގްތިސޯދެއްގެ ފުރިހަމަ މޮޑެލްއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީގޮތުން އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއާޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަހައްދުގެ އިގްތިސޯދަށް ދިރުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އެތައްހާސް ވަޒީފާތައް އުފެދުމާއި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް އެތައް ގުނައެއް އިތުރުވެގެންދިއުމާއި އެކި ބާވަތްތަކުގެ ވިޔަފާރިތަކާ އިޤްތިސާދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންގޮސް ބޮޑުތިލަދުންމައްޗަކީ އިޤްތިސާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ މާލެ ސަރަހައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫއު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކްޓްސްއާ އެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2460 މީޓަރުގެ އާ ރަންވޭއެއް މި އެއާޕޯޓުގައި ތަރައްގީކުރެވޭނެއެވެ. އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާމިނަލަކާއެކު އެއާޕޯޓް ތަރައްގީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭގޮތަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މިހާރު މުޅިރާއްޖެއަށް ގެންނަ ތަރައްގީގެ ބަދަލު ގެންނަނީ ރަނގަޅަށް ދިރާސާ ކުރެވި "ފެންހިފޭ ފުރިހަމަ ޕްލޭންތަކެއް"ގެ ދަށުންކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު އޭގެ ގިނަ ކަންކަން ނިމެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެތެރެއިން ބައެއް މަޝްރޫޢުތަކަކީ، އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވައި އިންޑިއާ އަކީ ރާއްޖޭގެ އިޤްތިސާދީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާގައި، ފެލިވަރު ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.

މި ޖަލްސާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355