އަލް ނަސްރަށް ސޮއިކުރުމަށްފަހު ސައުދީ އަރަބިއްޔާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުން ލިއޮނަލް މެސީގެ ޕީއެސްޖީ އަތުން 5 - 4 ން ބަލިވެއްޖެ އެވެ.
ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު އެކުވެރިކަމުގެ މެޗުގައި ޕީއެސްޖީން ވަނީ 5 - 4 ން އަލް ނަސްރު - އަލް ހިލާލް ބަލިކޮށްފަ އެވެ.
މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރޮނާލްޑޯގެ ޔުވެންޓަސްއިން 3 - 0 ން މެސީގެ ބާސެލޯނާ ބަލިކުރި މެޗަށްފަހު ދަނޑުމަތިން ރޮނާލްޑޯއާއި މެސީ އެކުގައި ފެނިގެންދިޔަ ފުރަތަމަ މެޗެވެ.
މި އެކުވެރިކަމުގެ މެޗަކީ ސައުދީގެ މަޝްހޫރު ފެސްޓިވަލެއް ކަމަށްވާ ރިޔާދު ސީޒަންސްގެ ބައެކެވެ، މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނުނުއިރު ތަރިންގެ ހުނަރު ފެނިގެން ގޮސްފައިވެ އެވެ. ރަތް ކާޑެއް ވެސް ފެނުނުއިރު މިމެޗުގައި ވަނީ ޖުމްލަ 9 ލަނޑު ފެނިގެން ގޮސްފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީގެ ހުއާން ބާނަޓްއަށް ރަތް ކާޑު ދެއްކުމުން ޕީއެސްޖީން މިމެޗު ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނު މެސީއާއި ރޮނާލްޑޯ މިމެޗުގައި ލަނޑު ޖަހާފައިވެ އެވެ. މިރޭގެ މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ މެސީއާއި މާކީނިއޯސް އަދި ސާޖިއޯ ރާމޮސްގެ އިތުރުން ކިލިއަން އެމްބާޕޭއާއި ހޫގޯ އެކިޓިކޭ އެވެ.
އަލް ނަސްރު - އަލް ހިލާލްގެ 2 ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރިއިރު އަނެއް ދެލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ހިޔުން ސޫ ޖަން އެވެ. އަދި އިތުރުވަގުތުގެ ފަހު ވަގުތުކޮޅު އެޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ އެންޑަސަން ޓަލިސްކާ އެވެ.