ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީގެ ހިދުމަތް އަންނަ އަންގާރަދުވަހު ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. މި ސަރުކާރުން ތަރައްގީކުރި އޯޕީޑީ އިމާރާތް ނިންމާ ހަވާލުކުރީ މި ހަފުތާތެރޭގައި އެވެ.
ކޭއާރުއެޗުން ބުނީ، އާ އޯޕީޑީގެ ހިދުމަތް ފެށުމަށްޓަކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށާއި އެހެންވުމުން 23 ވަނަ ދުވަހުގެ ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރުންގެ އޯޕީޑީ އަދި ލެބޯޓަރީގެ ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް އެމަޖެންސީގައި ފޯރުކޮށްދޭން ޖެހޭ ފަރުވާ އާއި ދަތުގެ ފަރުވާ އަދި އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިމިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
ޖުމްލަ 20.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހިމެނެނީ 21 ކޮންސަލްޓޭޝަން ރޫމާއި 1 ޓްރީޓްމަންޓް ރޫމާއި 1 ޕްރޮސީޖަރ ރޫމާއި 1 އީސީޖީ ރޫމާއި 1 އީކޯ ރޫމެއްގެ އިތުރުން ރިސެޕްޝަން އޭރިއާއަކާއި، ވެއިޓިންގ އޭރިއާއެއް އަދި ލެބޯރޓަރީ ކަލެކްޝަންއަކާއި އާއްމު 5 ފާހާނާ އާއި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން މުވައްޒަފުން ބޭނުންކުރުމަށް އިތުރު ކުރި 5 ފާހާނާ ބްލޮކެއްކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސީއްހީ ހިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. މިގޮތުން މިއީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެވެ.
އެގޮތުން ހޮސްޕިޓަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 98,147 ފަރާތަކުން ވަނީ އޯޕީޑީން އެކަނިވެސް ހިދުމަތް ހޯދާފައެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތާއެކު އޯޕީޑީން ހިދުމަތް ހޯދަމުން އަންނަ ފަރާތްތައް އިތުރުވެފައިވާކަން ކޭއާރުއެޗުން މައުލޫމާތު ދެއްވަ އެވެ. އެހެންވުމުން އާ އޯޕީޑީއެއް އެ ހޮސްޕިޓަލަށް އޮތީ ނުހަނު ބޭނުންވެފަ އެވެ.
ކޭއާރުއެޗުން ބުނީ މި ވޭތުވެދިޔަ އަހަރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތަފާތު އެކި ރޮނގު ރޮނގުން ފާހަގަކޮށްލެވޭ ނުހަނު ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށާ އެގޮތުން މި ހޮސްޕިޓަލަށް ލިބިފައިވާ އުމުރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި ބޭނުންކުރާ މެޑިކަލް އިކުއިޕްމެންޓްސްއަށް ލިބުނު ތަފާތު އެކި ކުރިއެރުންތައް ހިމެނޭކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.