twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓެކާސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jan 25, 2023

ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކުންފުނިން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތަކުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން ޓެކާސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ތަފާތު އިވެންޓްތަކަށް ދިރާގުން ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި އިވެންޓްތަކުގެ ތެރޭގައި ފުޓްސަލް، ހޭންޑްބޯލް، ތުރީ އޮން ތުރީ ބާސްކެޓްބޯލް އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގެ އިތުރުން ދުވުމެއް ވެސް ހިމެނާފައިވެ އެވެ.

މީގެ އިތުރުން ޓެކާސް އިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ސިލްސިލާކޮށް އެކްސްޕޯޝާ އިވެންޓްތަކެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި އިވެންޓްތަކުގެ ޒަރިއްޔާއިން އެރަށެއްގެ ތަފާތު ސަގާފީ ތަރިކައާއި އާދަކާދަ ދައްކުވައިދޭނެ އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ޓެކާސް އިން ބާއްވާ ކުޅިވަރު އިވެންޓްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެކި ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކަންކަމަށް އެއްބާރުލުން ދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ޕާޓްނާޝިޕް މެދުވެރިކޮށް މިކަން ހާސިލްކުރުން،" ނާޔާ ވިދާޅުވި އެވެ.

ޓެކާސްގެ ކޯ-ފައުންޑާ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ދިރާގުން އަބަދުވެސް ކުޅިވަރު އަދި އިޖުތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ދެމުން ގެންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓެކާސްގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސަނީ އުމަރު ވިދާޅުވި އެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355