twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑަންޖޫމާ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް

މުޙައްމަދު އަހުމަދު
Jan 26, 2023

ވިޔަ ރެއާލް އަދި ނެދަލޭންޑްސްގެ ފޯވާޑް އާރނައުޓް ޑަންޖޫމާ ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްފާއަށް ސޮއިކޮށްފި އެވެ.

25 އަހަރުގެ ޑަންޖޫމާއަކީ މިފަހަރުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. ޑަންޖޫމާ އެވަޓަންއަށް ބަދަލުވާނެކަމަށް ބެލެވިފައި އޮތް ނަމަވެސް ޓޮޓެންހަމުން ވަނީ ފަހުވަގުތު ޑަންޖޫމާގެ ސޮއި ހޯދާފަ އެވެ.

ލަލީގާގެ ވިޔަ ރެއާލަށް ބަދަލުވުމުގެ ކުރިން ޑަންޖޫމާ ކުޅުނީ ބޯންސްމައުތަށެވެ. 2019 ން 2021 ގެ ނިޔަލަށް ބޯންސްމައުތަށް ޑަންޖޫމާ ކުޅެދިން 52 މެޗުން އޭނާ ވަނީ 17 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.


ނެދަލޭންޑްސް ގައުމީ ޓީމަށް ޑަންޖޫމާ ކުޅެދިން 6 މެޗުން އޭނާ ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ ވޯލްޑްކަޕް ސްކޮޑުން އޭނާއަށް ޖާގަ ނުލިބުމުން ވޯލްޑް ކަޕްގައި އޭނާ ނުފެނުނެވެ.

ޑަންޖޫމާ ވަނީ ވިޔަ ރެއާލުން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ސްޕެނިޝް ކުލަބަށް އޭނާ ވަނީ މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތަކުން 16 ލަނޑު ޖަހައިދީފަ އެވެ.

އެވަޓަންއަށް ބަދަލުވުމަށް އެއްބަސްވުމަކަށް އާދެވިފައި އޮތް ކަމުގައި ބެލެވުނު ނަމަވެސް އެވަޓަންއަށް ސޮއިކުރުމުގެ ކުރިން ޑަންޖޫމާގެ ސޮއި ހޯދީ ޓޮޓެންހަމުންނެވެ.

"ޓޮޓެންހަމުގެ އޮފާ އަހަރެންނަށް އައި ހިސާބުން އިތުރަށް ވިސްނާކަށް ނުޖެހުން. އެއީ ބޮޑު ކުލަބެއް، މޮޅު ކޯޗެއް، މޮޅު ސްޓާފުންތަކެއް އަދި މޮޅު ޓީމެއް، ރަނގަޅު ވަސީލަތްތަކެއް އެބަހުރި އެހެންކަމުން އަހަރެން މިހުރީ ޓީމުގެ ހިއްސާއަކަށް ވެވުމުން ވަރަށް ހިތްހަމަޖެހިފަ،" ސްޕާސް ޓީވީއަށް ޑަންޖޫމާ ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

ހެރީ ކޭންއާ ސޮން ހުއެން-މިން، ޑޭޖަން ކުލުސެވްސްކީ އަދި ރިކާލިސަންއާއި ލޫކަސް މޯރާއާއެކު ޓޮޓެންހަމުގެ އެޓޭކިން ކުޅުންތެރިންނަށް ޑަންޖޫމާ ގުޅުމަށް އެޓީމު މިވަނީ އިހުނަށް ވުރެ ވަރުގަދަވެފަ އެވެ.

އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމް މިވަގުތު އޮތީ ޕްރިމިއާގެ ލީގުގެ ފަސްވަނައިގަ އެވެ. އަދި މިދިޔަ ހޯމަދުވަހު ފުލަމްގެ މައްޗަށް 1 - 0 ން ހޯދި މޮޅަށްފަހު ގަދަ ހަތަރަކާ 3 ޕޮއިންޓަށް ޓޮޓެންހަމް މިވަނީ ގާތްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355