ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާނަށް ދިޔުމަށްޓަކާ ރާއްޖެ ތަމްސީލުކުރާ ޓީމު ކުޅުދުއްފުށިން މިއަދު ފުރައިފި އެވެ. މި ޓީމުގައި ގިނައީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަދި ފަރިތަކުރުންތައްވެސް ކުރިއަށްގެންދިޔައީ ކުޅުދުއްފުށީގަ އެވެ.
މިމަހުގެ 6-15 އަށް އޮމާންގައި ބާއްވާ މި މުބާރާތަށް ޤައުމީ ޓީމު މާދަމާ އޮމާނަށް ފުރުމަށް ހަމަޖެހިފައިވާއިރު މިއަދު ހެނދުނު ވަނީ ކުޅުދުއްފުށިން ފުރާފަ އެވެ. މޭޔަރާއި ކައުންސިލަރުން ޓީމަށް ހިތްވަރު ދެއްވައި ޓީމު ފުރުވާލަން އެއާޕޯޓަށް ގޮސްފައިވެ އެވެ.
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރުކުރި ފުރަތަމަ ޓީމަށް އިރުޝާދު ދެމުން އަންނަ ޕާކިސްތާނުގެ ކޯޗު އާސިމް ރާޝިދުގެ މަސައްކަތާމެދުވެސް ވަރަށް ހިތްހަމަ ޖެހޭކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވި އެވެ.
ދައުލަތުގެ މީޑީއާގައި ވާހަކަދައްކަވަމުން މުޖޭ ވިދާޅުވީ، ޤައުމީ ބީޗް ހޭންޑްބޯލް ޓީމުގެ ތައްޔާރީތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮށް ވަރަށް ޖޯޝުގައި ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ރޭގަނޑާއި ދުވާލުވެސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާ، ބީޗް ހޭންޑް ބޯޅައަށް ހާއްސަ 2 ކޯޓު ތަރައްގީކޮށްދީފައިވާއިރު ގައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ކަންތައްތަކުގައިވެސް ސިޓީ ކައުންސިލުން ހޭންޑްބޯލް މޯލްޑިވްސް އަށް ވަރަށް ބޮޑު އެއްބާރުލުމެއްދެއެވެ.
ގައުމީ ބީޗް ހޭންޑްބޯލް ޓީމުން އޮމާނަށް ފުރަނީ 8 މަސް ދުވަހުގެ ފަރިތަކުރުންތަކަށްފަހުގައެވެ.