twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޓާފްތަކުގައި ރޯކޮށްލީ ވީރާނާވާން ދޫކޮށްލާފައި ހުއްޓާ

Jan 31, 2023

ހދ ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޭ ބަޔަކު ރޯކޮށްލައިފިއެވެ. މި ޓާފްތައް އެ ރަށަށް ގެނެސް ހުންނަތާ 3 އަހަރު ވެއްޖެ އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށު ދަނޑުގައި އަޅަން ގެނެސްފައިވާ ޓާފްތަކުގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 3:30 ހާއިރު ކަމަށެވެ. އެ ހަބަރު ލިބުމާއެކު ފުލުހުންނާ ގުޅިގެން އެ އަލިފާންގަނޑު ނިވާލާފައިވާ ކަމަށެވެ.

ރައީސް އިތުރަށްވިދާޅުވީ އެ ޓާފްތައް އެ ރަށަށް ގެނެސްފައި ހުންނަތާ މިހާރު 3 އަހަރަށް ވުރެއް ގިނަދުވަސްވެދާނެ ކަމަށާއި އެ އެޗެހި އެއިރު ހަވާލުވި މީހުން މާ ރަނގަޅަށް ބަލަހައްޓާފައިވެސް ނުވާކަމަށެވެ.

" އަވި ދެންޏާ އަވީގަ، ވާރެ ވެހެންޏާ ވާރެގަ، އެހުރީ، އެ ރަބަރުތައް އަޅާފަ ހުރި ބަސްތާތައްވެސް އެއްކޮށް ވީރާނަވެގެން އެތަނަށް ފެތުރިފަ ވަނީ، އޮޅާފަހުރި ޓާފް ރޯލްތައްވެސް އެ ގޮތައް އެ ހުރިހާ ދުވަހު ހުންނަންވެއްޖެޔާ ސަލާމަތުން ނުހުންނާނެ." ރައީސް ޔޫސުފް މޫސާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް އެތަނުގެ މަސައްކަތް ކުރަނީ އެންމެ 2 މީހުން، ކަމަށާއި އެތަނުގައި ބޭނުންކުރަން ގެންގުޅޭ ވެހިކަލްތައްވެސް އަބަދުވެސް ހަލާކުވެފައި ހުންނަ ކަމަށެވެ. އެތަނުގެ މަސައްކަތް އެތައް ފަހަރެއްގެ މަތިން އެތައް ބަޔަކާއި ހަވާލުކޮށްގެންވެސް ކުރިއަށް ގޮސްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ވިދާޅުވީ މި ހާދިސާއަކީ ވަރަށް ދެރަ އަދި ރަށުގައި ހިނގުމަށް އެއްގޮތަކަށްވެސް ކައުންސިލުން އެދޭފަދަ ހާދިސާއެއްނޫން ކަމަށެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު ވަނީ ގަސްތުގައި ޓާފް ތަކުގައި ރޯކޮށްލާފަ ކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްކަމަށް މަހުލޫފް ޓްވީޓްގައި ވިދާޅުވި އެވެ.

ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ތަރައްގީކުރުމަށް މަސައްކަތް ފަށަން އެންމެ ފުރަތަމަ ނިންމީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރެއެވެ. ނަމަވެސް މަސައްކަތް ފެށުނީ އޭގެ އަހަރެއްހާ ދުވަސް ފަހުން 2020 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ނިންމަން ލަފާކޮށްފައި އޮތީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355