twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަންހެނުންގެ އަގުވަޒަން ކުރަން ކުޅުދުއްފުށީގައި އެވޯޑެއް ދެނީ

ނަބީލާ އިސްމާޢީލް
Feb 2, 2023

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން "ކަމަނަ އެވޯޑް"ގެ ނަމުގައި އަންހެނުންނަށް ހާއްސަ އެވޯޑެއް ދޭން ނިންމާ ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެމްބަރު އަކުބަރީ މުހައްމަދު ވިދާޅުވީ މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ރަށުފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުން ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮމެޓީން ދިނުމަށް ނިންމި ހާއްސަ އެވޯޑެކަމަށެވެ.

ކޮންމެ 5 އަހަރަކުން އެއް އަހަރު ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ކުރިމަތިލެވޭނީ ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޝީލްޑެއް ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ނަން ހުށަހެޅޭނީ 1 ދާއިރާ އަކުންނެވެ. އަދި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތް ކަނޑައަޅާނީ ޑަބްލިއުޑީސީން ކަނޑައަޅާ ޓީމަކުންނެވެ.

މި އެވޯޑުގެ އިންޓަވިއުއަށް ހޮވޭނީ ޝަރުތު ހަމަވާފަރާތްތަކުން ހުށަހަޅާ ލިޔުންތަކުން މަދުވެގެން 70 އިންސައްތަ މާކްސް ލިބޭފަރާތްތަކުންނެވެ.

މީގެ އިތުރުން ޖުމްލަ މާކްސް ކަނޑައަޅާފައިވާނީ 70 އިންސައްތަ މާކުހަކީ ހުށަހަޅާ ލިޔުންތަކަށް ބިނާކޮށް ދޭ މާކުހެއްކަމަށާއި ބާކީ 30 އިންސައްތަ މާކުހަކީ އިންޓަވިއުއިން ލިބޭ މާކުހެއް ކަމަށް ޑަބްލިއުޑީސީން ބުނެއެވެ.

މި އެވޯޑައް ހުށައެޅޭނީ ޖުމްލަ 9 ދާއިރާއަކުންނެވެ. އެއީ:

  • ސިއްހީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ތައުލީމީ ދާއިރާ
  • ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައުގެ ދާއިރާ
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ
  • އިޖްތިމާއީ ދާއިރާ
  • ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ
  • ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ

މި ދާއިރާތަކުން އެވޯޑް ދިނުމުގައި ދާއިރާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތައް ބެލުމުގެ އިތުރުން މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތާއި، މަސައްކަތުން ރަށަށްކޮށްފައިވާ ހެޔޮ ބަދަލާއި، ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް، ދާއިރާއަށް އަންހެނުންނާއި އަންހެން ކުދިން ނެރެދިނުމަށް ކޮށްފައިވާ މަސައްކަތް އަދި ހިދުމަތުގައި ހިލޭ ސާބަހައް މަސައްކަތް ކޮށްފައިވާ މިންވަރަށް ރިޔާއަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެންއޯސީ އިމާރާތުގެ ގްރައުންޑު ފްލޯގައިވާ ޑަބްލިއުޑީސީގެ އޮފީހުން ނުވަތަ އެ ކޮމެޓީގެ މެއިލް މެދުވެރިކޮށް ހުށަހަޅަން އެ ކޮމެޓީން ވަނީ އެދިފަ އެވެ.

ވެބްސައިޓްގެ އިތުރުން ބަނދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 11:00 އަށް އެންއޯސީ އިމާރާތުގެ ގްރައުންޑު ފްލޯގައިވާ ޑަބްލިއުޑީސީގެ އޮފީހުން ފޯމު ލިބޭނެ އެވެ.

މިއީ އަންހެނުންނަށް ހާއްސަކޮށްގެން ރަށު ފެންވަރުގައި މި ފަދަ އެވޯޑެއް ދޭ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355