twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މާދަމާއިން ފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ

Feb 4, 2023

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް މާދަމާއިން ފެށިގެން ޑިޖިޓަލްކޮށް ބޭނުންކުރަން ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްސަދުގައި މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރެވުނު ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިދުމަތް އާދީއްތަ ދުވަހުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ.

އެގޮތުން އެ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ މި މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސް ގޮތުގައި ބައްލައިގަންނާނެއެވެ. އަދި އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ހާއްސަ ލައިސެންސް ކަމުގައި ފުލުހުންވެސް ބަލައިގަތުމަށް މިނިސްޓްރީންވެސް ވަނީ އަންގަފާއެވެ.

އެ މިނިސްޓްރީން ވަނީ 29 ޖެނުއަރީން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އެ ހިދުމަތް ހުއްޓާލެވުނީ ލައިސަންސާއި ބެހޭ ހިދުމަތް ރޯލްއަޓް ކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް ތައާރަފު ކުރެވޭ ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި، ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލް ކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މިހާރު ޕްރިންޓު ކުރުމަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށެވެ. އަދި ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތަކީ މިނިސްޓްރީގެ ވަރަށް މަދު މުވައްޒަފުންކޮޅަކާ އެކު ކުރަމުން އަންނަ ވަރަށް މުހިއްމު މަސައްކަތެއް ކަން ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އެ މިނިސްޓްރީން ބުނީ އެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއެކު ރައްޔިތުންނަށާއި ތަންފީޒީ އިދާރާތަކަށް ވެސް އެތައް ގޮތަކުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355