ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި އަމާޒަކީ އެ އެއާޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމާލުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަކީ މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެއާޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫއުކަމަށެވެ.
އެގޮތުން އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މިފެބްރުވަރީމަހު ހަވާލު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގުވާމީ ޒަމާނީ ދެ އެއާޕޯޓް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރާ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑޫއާ ހަނިމާދޫގެ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށާ އެއާޕޯޓްތައް ނިމެމުންދާއިރު، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ފަށާފައިވާކަމަށެވެ. އެގޮތުން އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއާއި އައްޑޫގައި ތަރައްގީކުރެވޭ ފަސް ރިޒޯޓްގެ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.
ހަމައެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯޓާ ގުޅިފައިވާ ރިޒޯޓްތައް ކަމަށާޢި ކުރިއަށް އޮތްތަނުގައި އެސްއެމްއީ ބޭންކް ތައްޔާރު ވަމުންދާނީ މިދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށްޖެހުމަށް ކަމަށެވެ. އަދި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކުން އެސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާ ފަހި ފުރުސަތު ލިއްބައި ދިނުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމުގެ މަޝްރޫއު ދަނީ ކުރިއަށް ކަމަށެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓު ހުޅުވިއްޖެ ކަމަށާއި މި އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭނެ ކަމަށެވެ. އަދި މާފަރު ބައިނަލްއަގުވާމީ އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ފ މަގޫދޫ އަދި މ މުލީ އެއާޕޯޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާ އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފެށިގެންދާނެ ކަމަށެވެ.
އަދި މީގެ އިތުރަށް ރ އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރެވޭ އެއާޕޯޓާއި، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެކަމަށް ރައީސް ވިދާޅުވި އެވެ.