ކުޅުދުއްފުށީ "ޓާޝަރީ ހޮސްޕިޓަލަށް" ގެނެވުނު ތަރައްގީގެ ލިސްޓް ދިގުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖުލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަމައެކަނި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްގީގެ ލިސްޓް ދިގުކަމަށާއި އެހޮސްޕިޓަލުގައި މުޅިން އަލަށް ދޭންފެށިފައިވަނީ ޒަމާނީ ސިއްހީ ހިދުމަތްތަކެއް ކަމަށެވެ.
"އެމްއާރުއައި، ކަކުލު ހުޅު ބަދަލު ކުރާ އޮޕަރޭޝަން، ލެޕްރޮސްކޯޕިކް ސާޖަރީ، މެމޯގްރާމް އަދި މިނޫންވެސް އެކި ހިދުމަތްތައް ފެށިއްޖެ." ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތް މަރުކަޒު ވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަkަމަށާއި އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫއަކީ ސަރަހައްދީ ޓާރޝަރީ ހޮސްޕިޓާތައް ކަމަށެވެ. "ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް" ދޫކޮށް، އަމަލީ މަސައްކަތުގައި މިމަޝްރޫއު އެދަނީ ހިނގަމުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރު ކުރެވިއްޖެ ކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާ، ނަރުހުންނާއި ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގާ 144 މުވައްޒަފުން އެ ހޮސްޕިޓަލަށް އިތުރު ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުން ދާނީ އިތުރުވަމުން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރކުރި ބަލިމީހުންގެ 24 އިންސައްތަ މިހާރުވެސް ދަށްކުރެވިއްޖެކަމަށެވެ. އަދި މި ބަދަލު ހަމަ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށްވެސް އަންނާނެ ކަމަށެވެ.
"ހިދުމަތް ފުޅާވެ، ކުރިއަރާ ދިޔަ ވަރަކަށް މިކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުއްޓާ އައްޑޫއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ގދ ތިނަދޫ، ލ ގަމާއި ރ އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށް ވެސް ހަގީގީ މާނައިގެ ޓާޝަރީ ބަދަލު ސަރުކާރުން ދަނީ ގެންނަމުން ކަމަށާއި 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި، އަދި 50 އެނދުގެ ހޮސްޕިޓާ ހަ ރަށެއްގާ އިމާރާތް ކުރާނެ ކަމަށާއި ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ މިދެންނެވި ހުރިހާ ހޮސްޕިޓާތަކާއެކުކަމަށެވެ.