މާލޭގައި ބާއްވާ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް އޭއީސީ ޓީމް ތައްޔާރުވާން ފަށައިފި އެވެ. މުބާރާތުގައި ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތަކަށް އޭއީސީ ޓީމުން މިހާރުވަނީ ޕްރެކްޓިސް ފަށާފަ އެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 27 ން މާރޗް 3 އަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ގަވާއިދުވާ ގޮތުން މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ބެޑްމިންޓަން ކުޅޭ ދަރިވަރުން/ކުޅުންތެރިންގެ ކުޅުމުގެ ރޫހު އާލާކޮށް ހިތްވަރު ދިނުމާއި ފެންވަރު މަތިކުރުމެވެ.
މިމުބާރާތުގައި ކުޅުދުއްފުށީގެ ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ވާދަކުރާނެ އެވެ. އޭއީސީން މިމުބާރާތުގައި ވާދަކުރާނީ ގްރޭޑް 9 އަދި 10 ގެ އުމުރުފުރާގެ ދަރިވަރުންނެވެ. އަންހެން ޓީމްވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވީ ނަމަވެސް ގްރޭޑް 10 ގެ ދަރިވަރުން ހިމެނޭތީ އަދި އޯލެވެލް ކައިރިވެފައިވުމުން އަންހެން ޓީމް ބައިވެރިނުވެ އެވެ.
ރާއްޖޭގެ 6 ޒޯންގެ ޗެމްޕިއަން ޓީމްތައް އެކި އުމުރުފުރާތަކުން ވާދަކުރާ މިމުބާރާތަށް އޭއީސީން 8 ކުޅުންތެރިންގެ ޓީމެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގައި ޒޯނުތަކަށް ބޭއްވުނު އިންޓަރސްކޫލު މުބާރާތްތަކުގައި ވާދަކޮށް އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދާފައިވާ ސްކޫލުތަކުގެ ޓީމުތަކަށް މި މުބާރާތުގެ ދައުވަތު ލިބޭނެއެވެ. ޗެމްޕިއަން ޓީމުން ބައިވެރިނުވާނަމަ ރަނަރއަޕް ޓީމަށް މުބާރާތުގެ ދައުވަތު ދެވޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ އިއުލާނުގައިވެ އެވެ.
މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދަށް ބަލާ މުބާރާތް ކުޅޭނެ ގްރޫފުގެ އަދަދާއި ގަޑިތައް ކަނޑައަޅާނީ ރެފްރީ އެވެ. މުބާރާތް ކުޅޭނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ.
ޓީމް އިވެންޓްގެ ޓައި މެޗުތައް ކުޅެވޭނެ ތަރުތީބު:
ފުރަތަމަ ޑަބަލްސް
ފުރަތަމަ ސިންގަލްސް
ދެވަނަ ޑަބަލްސް
ދެވަނަ ސިންގަލްސް
ތިންވަނަ ޑަބަލްސް
ކޮންމެ ދަރިވަރަކަށް/ކުޅުންތެރިއަކަށް ޓައިއެއްގައި ކުޅެވޭނީ 1 މެޗެވެ.
މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ 15 ޕޮއިންޓްގެ 3 ސެޓެވެ. ( 14 - 14 ން އެއްވަރުވުމުން ފުރަތަމަ 15 ހަދާ ޓީމަކަށް އެސެޓު ލިބޭނެ).
15 ޕޮއިންޓަށް ކުޅޭ ކޮންމެ ސެޓެއްގައިވެސް ފުރަތަމަ 8 ޕޮއިންޓް ކުޅުންތެރިޔަކަށް ލިބުމުން 60 ސިކުންތުގެ ހުސްވަގުތުކޮޅެއް ލިބޭނެ އެވެ. އަދި ދެ ސެޓު ދޭތެރޭގައި 120 ސިކުންތުގެ ހުސްވަގުތުކޮޅެއް ލިބޭނެ އެވެ.
މުބާރާތުގައި ކުޅެގެން މޮޅުވާ ކޮންމެ ޓައިއަކަށް 5 ޕޮއިންޓް އަދި ކުޅެގެން ބަލިވާ ކޮންމެ ޓައިއަކަށް 1 ޕޮއިންޓް ލިބޭނެ އެވެ. ޓައިގައި ކުޅެގެން މޮޅުވާ މެޗަކަށް 1 ޕޮއިންޓް ލިބޭނެ އެވެ. ޓައިގައި ހާޒިރުނުވެ ނުކުޅޭ މެޗަކަށް ޕޮއިންޓް ނުލިބޭނެ އެވެ.
ޓައިގައި އެއް ޓީމު ހާޒިރުނުވެގެން ޓައި ނުކުޅެވޭ ހާލަތެއްގައި ހާޒިރުވި ޓީމަށް މޮޅުވާ ޓައިއަކުން ލިބޭ 5 ޕޮއިންޓް އަދި ޓައިގައި ކުޅެން ޖެހޭ 5 މެޗު ކާމިޔާބުކުރުމުން ލިބޭ 5 ޕޮއިންޓް ލިބޭނެ އެވެ. ނަމަވެސް ހާޒިރު ނުވާ ޓީމަށް ޕޮއިންޓެއް ނުލިބޭނެ އެވެ.
ޕޮއިންޓް ޓޭބަލްގައި އެއްވަރުވުމުން ތަރުތީބު ކުރުމުގައި ފުރަތަމަ ބަލާނީ މޮޅުވި ޓައިގެ އަދަދަށެވެ. މޮޅުވި ޓައިގެ އަދަދު އެއްވަރު ދެޓީމެއް ނަމަ ތަރުތީބު ކުރުމުގައި ބަލާނީ އެދެޓީމުގެ ދެމެދުގައި ކުޅެވުނު ޓައިގެ ނަތީޖާއަށެވެ.
މޮޅުވި ޓައިގެ އަދަދު އެއްވަރު ތިން ޓީމު ނުވަތަ އެއަށްވުރެ ގިނަ ޓީމުތަކެއް އެއްވަރުވެއްޖެނަމަ ތަރުތީބު ކުރުމުގައި ބަލާނީ މޮޅުވި އަދި ބަލިވި މެޗުގެ ތަފާތަށް ބަލައިގެންނެވެ. މިގޮތުން ވެސް ދެޓީމު އެއްވަރުވާނަމަ އެދެޓީމުގެ ދެމެދުގައި ކުޅެވުނު ޓައިގެ ނަތީޖާއަށެވެ.
މުބާރާތުގައި އެއްވެސް ޓީމަކުން ކުޅެންޖެހޭ ހުރިހާ ޓައިތައް ފުރިހަމަ ނުކުރެވޭ ހާލަތުގައި އެޓީމު ކުޅެފައިވާ ހުރިހާ ޓައިތަކުގެ ނަތީޖާތައް އުނިކުރެވޭނެ އެވެ.
ޓީމް އިވެންޓް 1 ވަނައަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) ތަށި، މެޑަލް އަދި ހަނދާނީ ލިޔުން.
ޓީމް އިވެންޓް 2 ވަނައަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.
ޓީމް އިވެންޓް 3 ވަނައަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.