twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކަށް ސީއެމްޑީއޭއިން އެވޯޑު ދީފި

Feb 13, 2023

ކެޕިޓަލް މަރކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން އެވޯޑު ދީފިއެވެ.

އެ އޮތޯރިޓީން މި އެވޯޑު ދީފައިވަނީ ސީއެމްޑީއޭގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ދެ ފަރާތަކަށް ވަނީ އެވޯޑު ދީފައެެވެ. އެއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންއެވެ.

ސްޓޮކް އެކްސްޗޭންޖަށް ދީފައި ވަނީ އަލަށް ތައާރަފުކުރެވުނު 'ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް/ފްރޭމްވަރކް' އޮޕަރޭޓްކުރުމަށް 'ވިޔަނަ' ޕްލެޓްފޯމް ތަރައްގީ ކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. އަދި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް ލިބިފައިވަނީ 'ޑިޖިޓަލް ބްރޯކަރޭޖް' ހިދުމަތްތައް ތައާރަފްކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ.

އެ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީ ކުރުމުގައި ޕްރޮފެސަރ ޑރ. އައިޝަތު މުނީޒާ ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވެސް ވަނީ އެވޯޑެއް ދީފައެވެ. އަދި ސީއެމްޑީއޭގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށްވެސް މި ރަސްމިއްޔާތުގައި ވަނީ އެވޯޑު ދީފައެވެ.

ސީއެމްޑީއޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއެވެ. އޭނާ ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީ ކުރުމުގެ މުހިންމުކަމާއި، ކޯޕަރޭޓް ގަވާނަންސް ހަރުދަނާކޮށް ކުންފުނިތަކުގެ 'ޓްރާންސްޕޭރަންސީ' އަދި 'އެކައުންޓަބިލިޓީ' އިތުރުކުުުރުމާއި، އިންވެސްޓަރުންގެ 'ކޮންފިޑަންސް' މާކެޓުގެ މައްޗަށް ދެމެހެއްޓުމުގައި ސީއެމްޑީއޭގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.

އޭގެއިތުރުން، ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ވަނީ މާކެޓަށް މިފަހުން ގެނެވިފައިވާ ކުރިއެރުންތަކުގެ ހުލާސާ ރިޕޯޓެއް ހުށަހަޅާފަ އެވެ.

ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީކޮށް ރެގިއުލޭޓު ކުރުމުގެ ޒިންމާ އަދާކުރާ ކުރުމަށް 2006 ވަނަ އަހަރު ވުޖޫދު ކުރި މުއައްސަސާއެކެވެ.

މިހަފްލާގައި ކެޕިޓަލް މާކެޓްގެ މުއައްސަސާތަކާއި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އިސްވެރިންނާއި ކެޕިޓަލް މާރކެޓާ ގުޅުންހުރި ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355