twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލުގެ ރިހިޔޫބިލުގެ ހަރަކާތްތައް ފަށާނީ ފަތިސްނަމާދުން

ނަބީލާ އިސްމާޢީލް
Feb 13, 2023

ޖަލާލުއްދީން ސްކޫލަށް 25 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށް ރިހިޔޫބިލްގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ސްކޫލުން ހާމަކުރައްވައިފި އެވެ.

ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލްގެ ރިހިޔޫބިލް އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 15 ވަނަ ދުވަހު ސްކޫލް ހޯލުގައި ފަތިސް ނަމާދުން ކަމަށެވެ.

އޭގެ ފަހުގައި އެސެމްބްލީ އޭރިއާގައި ހާއްސަ އެސެމްބްލީއަކާއި އަހަރީ ކޭކް ފެޅުން އޮންނާނެ ކަމަށާއި ކުޅޭ ބިމުގައި ލޯގޯއާއެކު ފޮޓޯ ސެޝަންއެއް ބޭއްވުމުގެ އިތުރުން ކުލާސް ރޫމްގައި ދަރިވަރުންނަށް ވީޑިއޯ ޕްރެސެންޓޭޝަނެއް އަދި އިންޓަވަލް ފަހުން ދުވަހުގެ ކިޔެވުން އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އަހަރީދުވަހާ ގުޅުވައިގެން ދުވުމެއް އޮންނާނެ އެވެ. ދުވުން އޮންނާނީ އަންނަ މަހު 17 ވަނަ ދުވަހު 16:30 ގަ އެވެ.

މި ރަސްމިއްޔާތުގެ ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އެ ސްކޫލްގެ އެސެމްބްލީ އޭރިޔާގައި ހުކުރު ދުވަހުގެ ރޭ 20:30 ގައި ކަމަށާއި މި ޖަލްސާގައި ރިހިޔޫބީލް ފޮތް ނެރުންވެސް އޮންނާނެކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

އެންމެންވެސް އެންމެ އިންތިޒާރުކުރާ ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ 18ވާ ހޮނިހިރު ދުވަހު ހަވީރު 16:30 ގައި އަމީނީމަގުގަ އެވެ.

އަހަރީ ދުވަހަށް ސްކޫލް ޒީނަތްތެރިކުރުމުގަޔާއި އެހެނިހެން ކަންކަމުގައި އެހީތެރިކަން ބެލެނިވެރިންނާއި މުވައްޒަފުން އަދި ދަރިވަރުންގެ އިތުރުން އެސްޓީއޯގެ ފަރާތުން ލިބުންކަން ފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވީ މި ފަދަ ކަންކަމުގައި އެންމެހާ ފަރާތްތަކުންލިބޭ އެހީތެރިކަމަށް އިހުލާސްތެރި ޝުކުރު ދަންނަވާކަމުގަ އެވެ.

ނޮދަން ސެކަންޑަރީ ސްކޫލުގެ ނަމުގައި 1998 ވަނަ އަހަރު ހުޅުވި އެ ސްކޫލަކީ އޭރު މަތީ ސާނަވީއަށް ހާއްސަކޮށް ރައީސް މައުމޫނު އަބުދުލްގައްޔޫމު ހުޅުވައިދެއްވި ސްކޫލެކެވެ. އެކަމަކު މިހާރު އެސްކޫލުގައި ކިޔަވައިދެނީ ގުރޭޑް 1-12 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355