twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފަހަތުން އަރާ ލިވަޕޫލް ބަލިކޮށް ރެއާލް ކުއާޓާއާ ގާތަށް

މުޙައްމަދު އަހުމަދު
Feb 22, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފަހަތުން އަރާ ލިވަޕޫލް ބަލިކޮށް ކުއާޓާއާ ގާތަށް ޖެހިލައިފި އެވެ.

އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ދާދި ފަހުން ކުލަބް ވޯލްޑް ކަޕުގެ ތަށި ވެސް ހިއްލާލިއިރު ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުގެ ކޮޅަށް ފަސް ލަނޑު ވަން ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ރޭގެ މެޗުގައި ވިނީޝިއަސް ޖޫނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގައި ދެލަނޑު ވެސް ޖަހާފަ އެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. 4 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ލީޑު ނަގައިދިންއިރު އޭގެ ދިހަ މިނެޓުފަހުން މުހައްމަދު ސަލާހު އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް ދެލަނޑު ޖަހައިދީ އެޓީމު މެޗުގެ ތެރެއަށް ގެނެސްދީފަ އެވެ. ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅު ކުރިއިރު ދެވަނަ ހާފު ފެށިގެން ދެމިނެޓުތެރޭ އެޑާ މިލިޓާއޯ އެޓީމަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނެވެ.

އޭގެ ދިހަވަރަކަށް މިނެޓުފަހުން 55 ވަނަ މިނެޓުގައި ބެންޒެމާ ރެއާލަށް ލީޑު ފުޅާކޮށްދިންއިރު 67 ވަނަ މިނެޓުގައި ރެއާލްގެ ފަސްވަނަ ލަނޑު ވެސް ޖަހައިދިނީ ކަރިމް ބެންޒެމާ އެވެ.

ރޭގައި ކުޅެވުނު އަނެއް މެޗަށް ބަލާލާއިރު ނަޕޯލީން ވަނީ 2 - 0 ން އައިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯއާއި ވިކްޓާ އޮސިމްހަން އެވެ. އަދި ރޭގެ މެޗުގައި ފްރޭންކްފާޓަށް ކުޅޭ ފްރާންސްގެ ތަރި ރަންޑަލް ކޮލޮ މޮއާނީ ވަނީ ރަތް ކާޑެއް ވެސް ދައްކާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355